ކުރާ ދުޢާގަ ﷲ ތަޢާލާ މަތިވެރިކުރުމާއި ތަޢްރީފްގެ ބަސްތައް ހިމެނުމަކީ ދުޢާ ޢިޖާބަކުރެވެވުން އަވަސްވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުރާ ދުޢާގަ ﷲ ތަޢާލާ މަތިވެރިކުރުމާއި ތަޢްރީފްގެ ބަސްތައް ހިމެނުމަކީ ދުޢާ ޢިޖާބަކުރެވެވުން އަވަސްވާނެ ސަބަބެއް! އިން ޝާ ﷲ

ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށްވެސް ޝަރުޠުތަކެއްވެއެވެ. އެއިގެ ތެރެއިން އެއް ޝަރުޠަކީ ދުޢާކުރާއިއރު ﷲ ތަޢާލާއަށް ހިތް ޚާލިޞްކުރާ ޙާލު ދުޢާކުރުމެވެ. ވީމާ ހަމައެކަނި ތިމާ އެދޭ ކަންތައް ހިތަށް އަރުވައިގެން ދުޢާކުރުމަކުން ނުފުދޭނެއެވެ.  

ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ދީލަތިވަންތަކަން ހިތަށްގެނައުމާއިއެކު ތިމާގެ އެދުން (އެދޭކަންތައް) ފުއްދަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަންވެސް ހިތަށް ގެންނަން ޖެހޭނެއެވެ. ނިކަމެތިވެ ޢާދޭސްދަންނަވަން ޖެހޭނެއެވެ.  

ކުށެއް ކުރެވިއްޖެނަމަ އަދަބު ލިބުމަކީ ޢާންމު އުޞޫލެވެ. ނަމަވެސް ބައެއް ފަހަރު އަދަބު ނުލިބިވެސްދެއެވެ. ހަމަ އެފަދައިން ފާފަކުރުމުން ދުނިޔޭގައި ޝަޒާ ނުދެއްވަވައިވެސް ދޫކޮށްލައްވަވައެވެ. ހަމަ އެފަދައިން ޝަރުޠު ހަމަނުވިނަމަވެސް ﷲ ތަޢާލާ ދުޢާ ޢިޖާބަވެސް ކުރައްވަވައެވެ. އެއީ އެކަލާނގެ މީސްތަކުންނަށް ދީލަތިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ.

އެއިގެ މާނައަކީ ޝަރުޠުތައް ހަމަނުކޮށް ދުޢާކުރިނަމަވެސް ޢިޖާބަ ކުރައްވަވާނެ ކަމަށް ބަލައި ފަރުވާކުޑަކުރުމެއް ނޫނެވެ. އަހުރެމެން ދުޢާކުރަންވާނީ ޝަރުޠުތައް ފުރިހަމަވާ ގޮތަށެވެ. ދުޢާ ޢިޖާބަ ކުރައްވެވުމަށް އުންމީދުކުރަންވާނީ ޝަރުޠުތައް ފުރިހަމަވާ ގޮތަށް ދުޢާކުރުމަށްފަހުގައެވެ.  

ދުޢާކުރާއިރު ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ވަރަށް ގިނައެވެ. އެކަންކަން ވަރަށް ގިނައިން އެބަ ކިޔައިދެވެއެވެ. މިރޭ މިފާހަގަކޮށްލި ކަމަކީ ކިޔައިދިނުމުންވެސް ގިނަ ބައަކަށް އިހްމާލެވެވޭ އެއްކަންތަކެވެ. އިހްމާލްވެވޭތީ ގިނަ ބައަކު ދުޢާކުރަނީ ހަމައެކަނި ތިމާ ބޭނުންވާ ކަންތަކަށް ސަމާލުކަންދީގެންނެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެހެންވެ އެކަން އިޞްލާޙްކޮށްލުމަށް ނަޞޭޙަތްތެރިވަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން