ނ. ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އެ ރަށުގެ ކައުންސިލާއެކު ޚާއްޞަ މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކެނދިކުޅުދޫ ކައުންސިލްގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޢަފޫ ޙާމިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްވަރާތަކުގެ ތެރެއިން އެންމެ ޚާއްޞަ އިސްކަމެއް ދެވުނީ އެރަށުގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކަށާއި، އެކަން ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ މައްޗަށެވެ.
މީގެއިތުރުން، އެރަށުގައި ގާއިމުކުރެވޭ ގޭދޮށު މަސް ފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތާއި ކުރިއަށްދާގޮތުގެ ތަފްޞީލް ވަޒީރު ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ރަށުގެ މަސްވެރިކަމާއި ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާމެދު ދެފަރާތުން ވަނީ ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.