ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ފޮނުވާ އީމެއިލްތަކަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ފޮނުވާ އީމެއިލްތަކަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ސަރުކާރުގެ އިދާރާތަކާއި އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިގެން، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ވިދާޅުވި ގޮތުގައި، މި ހަމަލާތަކަކީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށް ބެލެވެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައިވާ ސައްހަ އީމެއިލްތަކެއްގެ ގޮތުގައެވެ. އަދި އޭގެ ތެރޭގައި ރަސްމީ ދަޢުވަތުތަކާއި، ލިޔެކިޔުންތައް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ލިންކަކަށް ވަދެވިއްޖެނަމަ، ބޭނުންކުރާ ފަރާތުގެ ޔޫޒަރނޭމް އާއި ޕާސްވޯޑް ހެކަރުންނަށް ލިބި، އިދާރާތަކުގެ ސިސްޓަމްތަކާއި ނެޓްވޯކްތަކަށް ހުއްދަނެތި ވަދެ ނިޒާމުތައް ކޮމްޕްރޮމައިޒްވުމުގެ ބޮޑު ނުރައްކަލެއް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤާއި ޓެކްނިކަލް އެނަލިސިސްގެ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި މުއައްސަސާތަކާއި އާންމުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި:

- ލިންކާއި އެޓޭޗްމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުނުވަނީސް ނުހުޅުވުން.

- ދަންނަ މީހަކު ފޮނުވި އީމެއިލެއް ކަމުގައިވިޔަސް، އާދަޔާޚިލާފު ކަމަކަށް އެދިފައިވާނަމަ ފޯނުން ގުޅައިގެން ސައްހަކަން ކަށަވަރުކުރުން.

- އީމެއިލްގައިވާ ލިންކަކުން ހުޅުވޭ ވެބް ޕޭޖެއްގައި ޔޫޒަރނޭމް ނުވަތަ ޕާސްވޯޑް ނުޖެހުން.

- މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމާއި، އޮޕަރޭޓިންގ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން.

- ޝައްކުކުރެވޭ ފަދަ އީމެއިލެއް ލިބިއްޖެނަމަ ލަސްނުކޮށް އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން.

- ޝައްކުކުރެވޭ ފައިލެއް ހުޅުވިއްޖެ ހާލަތެއްގައި، އަމިއްލައަށް ހައްލުކުރަން މަސައްކަތް ނުކޮށް، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައިޓީ ޓީމުގެ އެހީތެރިކަން ހޯދުން.

ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންނާއި މުވައްޒަފުންގެ ސަމާލުކަމާއި ހޭލުންތެރިކަމެވެ. އަދި މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ތަފުސީލުތައް ފުލުހުންގެ ސައިބަރ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން