އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން 2022، 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައި މާކެޓް އަގަށްވުރެ ބޮޑުއަގުގައި ތަކެތި ގަނެ، ގަވާއިދުތަކާ ހިލާފަށް ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު 14 މައްސަލައިގެ ތެރޭގައި އާންމު ކޮންސިއުމަބަލްސް އަގުބޮޑުކޮށް ގަތުމުގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ހޯދާފައިވަނީ ދައުލަތުގެ އެހެން އިދާރާތަކާއި މާކެޓް އަގަށްވުރެ 2.08 މިލިއަން ރުފިޔާ ބޮޑު އަގުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މެޑިކަލް އަދި ލެބޯޓްރީ ސާމާނު ގަތުމުގައިވެސް ބޮޑެތި އިސްރާފުތަކެއް ވަނީ ފާހަގަކުރެވިފައެވެ. މެޑިކަލް ކޮންސިއުމަބަލްސްގެ 23 އައިޓަމަކަށް 1.96 މިލިއަން ރުފިޔާ ހޭދަކުރިއިރު، އެއީ ބާޒާރުން 948,511 ރުފިޔާ އަގުހެޔޮކޮށް ލިބެން ހުރި ތަކެއްޗެވެ. މީގެއިތުރުން، އެންމެ 34,000 ރުފިޔާއަށް ގަނެވެން އޮތް ލެބޯޓްރީ އައިޓަމެއް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާކަންވެސް ރިޕޯޓުން ހާމަވެއެވެ.
ހޮސްޕިޓަލްގެ އިމާރާތުގެ މަރާމާތު މަސައްކަތްތަކަށް ބަލާއިރު، އިމާރާތުގެ ބޭރުގައި ތަށިމުށި ޖެހުމަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރުމަށްފަހު، އެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށެވެ. އަދި ސެޕްޓިކް އޯޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުމުގެ މަސައްކަތް އަންދާޒާ ބަޖެޓަށްވުރެ 173,189 ރުފިޔާ އިތުރަށް ބޮޑުކޮށް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ.
މީގެއިތުރުން، ކުރިން ވެފައިވާ އެއްބަސްވުމެއް އުވާލުމަށްފަހު އަލުން އިއުލާންކުރުމަކާ ނުލައި 583,000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަނެފައިވާ ކަމަށާއި، ބޭނުންނުކުރާ 3 ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165,000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.