ރަށްރަށުގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ކައުންސިލްތަކުން ބޭނުންވާ ގޮތަށް ރޭވުމަށްޓަކައި، ބޭނުންވާ ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނިޔާޒު ވިދާޅުވެއްޖެއެވެ.
ދައުދުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ނިޔާޒު ވިދާޅުވީ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރާ މަސައްކަތުގެ ތެރެއިން، ކައުންސިލްތަކާއެކު މަޝްވަރާކޮށް އެމްއޯޔޫތައް އެކުލަވާލެވެމުންދާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުން ކަނޑައަޅާ ވަކި ސަރަހައްދުތަކުގައި ގެންނަން ބޭނުންވާ ޕްރޮޑަކްޓްތައް ބިނާކުރުމަށް ބޭނުންވާ ބިޑް ޑޮކިއުމެންޓޭޝަނާއި ފަންނީ ލަފާދިނުމުގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިހާރު މައިގަނޑު ގޮތެއްގައި މެދުރާއްޖެތެރެއަށް ބަރޯސާވެފައި އޮތީ ދަތުރުފަތުރުގެ ގުޅުންތަކުގެ ސަބަބުން ކަމަށް ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް، މި ގޮތް ބަދަލުކޮށް އުތުރާއި ދެކުނުގެ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކުރުމާއި، ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ރަށްރަށުގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެނދުތައް އިތުރުވެ، އައު ޕްރޮޑަކްޓްތައް ތަޢާރަފުވެގެންދާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.