ރަސްމާލޭގައި ތަރައްޤީކުރުމަށް ރާވާފައިވާ "އީގަލް ހިލްސް" މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވޭތުވެދިޔަ 54 އަހަރުގެ ތެރޭގައި ގެނެވުނު މުޅި އެސެޓްގެ އަގާ ގާތްކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިހާރުގެ އާމްދަނީއާއި ޚަރަދުގެ ނިސްބަތަށް ބަލާއިރު، އިޤްތިޞާދަށް އާދަޔާޚިލާފު ބޮޑު ކުރިއެރުމެއް ނުގެނެސް، ސަރަޙައްދީ ވާދަވެރިކަމުގެ ތެރޭގައި ދެމިއޮތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
އިޤްތިޞާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަބީޢީ ރީތިކަމާއި، ހަމަހިމޭންކަމުގެ އިތުރުން މެހެމާންދާރީގެ މަތިވެރި ސިފަތަކާ ނުގުޅޭ ސިނާޢަތްތައް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ބިނާކޮށް ރިއަލް އެސްޓޭޓްގެ ދާއިރާ ފުޅާކުރުމަކީ މި ވަގުތަށް އެންމެ އެކަށީގެންވާ މަގު ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަޢީދު ވިދާޅުވީ ފާއިތުވި 54 އަހަރުގެ ތެރޭގައި ރާއްޖޭގައި 177 ރިސޯޓު ތަރައްޤީކޮށް، އަހަރަކު 2.2 އާއި 2.3 މިލިއަން ފަތުރުވެރިން ގެނެވޭއިރު، އިޤްތިޞާދަށް އިތުރުކޮށްދެވެނީ 1.7 ބިލިއަން ޑޮލަރުގެ ވެލިއު ކަމަށެވެ. ނަމަވެސް، އެތައް ބިލިއަން ޑޮލަރެއްގެ "އީގަލް ހިލްސް" މަޝްރޫޢުގެ ސަބަބުން އެކަނިވެސް އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަލަށް ތަރައްޤީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 4 އިން 5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް ވިދާޅުވިއެވެ.
ދިގު މުއްދަތަކަށް ބިން ނުވަތަ ރަށްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 99 އަހަރަށް ތަންތަން ކުއްޔަށް ދިނުމަކީ 2013 އިން 2018 އާ ދެމެދު ރާއްޖޭގައި ފެށިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް 54 އެއްހާ ރިސޯޓު 99 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާއިރު، މިއީ މުޅިން އަލަށް ކުރާ ކަމެއް ނޫން ކަމަށް ސާފުކޮށްދެއްވިއެވެ. މީގެއިތުރުން، އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ 30 އިންސައްތަ ތާއަބަދަށް (ފްރީހޯލްޑް އުސޫލުން) ވިއްކޭ ގޮތަށް ކުރީގެ ސަރުކާރަކުން ޤާނޫނު ބަދަލުކުރިކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އީގަލް ހިލްސް މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި މި ބިޔަ މަޝްރޫޢު ކާމިޔާބުވެގެން ދިއުމަކީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މުސްތަޤުބަލަށް އެޅޭނެ ބޮޑު ހިޔަންޏެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.