ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އާ ސިނާއަތްތައް ތަރައްގީކުރުމަށް ސަރުކާރުން އެކުލަވައިލަމުންދާ ރިއަލްއެސްޓޭޓް ގާނޫނަކީ ވަކި ޚާއްސަ ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން ހަދާ އެއްޗެއް ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކޮށްދޭން އެކުލަވައިލާ ގާނޫނެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިހާތަނަށް އުފެދިފައިނެތް އާ ސިނާއަތްތައް ތައާރަފުކުރުން ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާއަށް އެކަނި ބަރޯސާނުވެ، ވަކި ރިއަލްއެސްޓޭޓް މާކެޓެއް ރާއްޖޭގައި ބިނާކުރުމަށް މަސައްކަތްކުރަމުންދާއިރު، އެކަމަށް އެކަށޭނަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި އާ ގާނޫނުގެ ދަށުން ރާއްޖޭގެ އަދި ބޭރުގެ ކުންފުނިތަކަށް ވެސް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ރިއަލްއެސްޓޭޓް މަޝްރޫއުތައް ހިންގުމުގެ މަގު ފަހިވެގެންދާނެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ސަރުކާރުން ވަނީ އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު ކަމަށްވާ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ގެނެވޭ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ، 30،000 މީހުން ގެނެސް ވަޒަންވެރިކުރުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 'ކޯޕަރޭޓް ރެޒިޑެންސް ވިސާ' އަކީ 2015 ވަނަ އަހަރުން ފެށިގެން، ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ތެރެއިން ދޫކުރަމުން އަންނަ ވިސާއެކެވެ. އަދި އޭރު 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް 99 އަހަރުގެ ވިސާ ދޭ ގޮތަށް އޮތް ނަމަވެސް، 2020 ވަނަ އަހަރު ނިމިދިޔަ ސަރުކާރުން އެ އަދަދު 200،000 ޑޮލަރަށް ކުޑަކޮށް، 5 އަހަރުން އައުކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއުގައި ވެސް ވިސާ ދިނުމުގެ ކަންކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ލަފަޔާ ވެސް އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ތާރީޚީ ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، ގައުމުގެ ޖީޑީޕީ ބޮޑުތަނުން މައްޗަށް ގޮސް ރައްޔިތުންނަށް އޭގެ މަންފާ ސީދާ ގޮތުން ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާހުރި ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ސިޔާސީ ދެކޮޅުވެރިކަން އިސްނުކޮށް، ކޮންމެ ފަރާތަކުން ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.