ރިލްވާންގެ މައްސަލައިގެ އެކި ވާޝަންތަކުގެ ރިޕޯޓުތައް އޭޖީ އޮފީހަށް ލިބިފައިވޭ: ބަންޑާރަނައިބު އުޝާމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރިލްވާންގެ މައްސަލައިގެ އެކި ވާޝަންތަކުގެ ރިޕޯޓުތައް އޭޖީ އޮފީހަށް ލިބިފައިވޭ: ބަންޑާރަނައިބު އުޝާމް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެކި ވާޝަންތަކުގެ ރިޕޯޓުތައް ބަންޑާރަނައިބުގެ އޮފީހަށް ލިބިފައިވާ ކަމަށާއި، އެ ލިޔެކިޔުންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު މިހެން ވިދާޅުވީ، ރިލްވާންގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ފާތިމަތު ޝެހެނާޒް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފޯރަމްގައި ޝެހެނާޒް ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އުފެއްދެވި މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ބަންޑާރަނައިބާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ރިޕޯޓު ހޯދުމަށާއި ބަންޑާރަނައިބާ ބައްދަލުކުރުމަށް އެދި ސިޓީ ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރުވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން އާއިލާގެ ފަރާތުން ފާޅުކުރިއެވެ.

މި ކަމާ ގުޅިގެން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަރު ކޮމިޝަނުގެ މުއްދަތު 2024 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް އިތުރުކޮށްދެއްވި ކަމަށެވެ. އެ މުއްދަތު ހަމަވެ އެ ކޮމިޝަން އުވުނުއިރު ނިންމާފައިވާ ބައެއް މައްސަލަތަކުގެ ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާ ކަމަށާއި، ރައީސް އެ ލިޔެކިޔުންތައް ދިރާސާކުރުމަށް އޭޖީ އޮފީހާ ހަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ގެއްލުވާލި ރިލްވާންގެ މައްސަލައިގެ ރިޕޯޓުތައް ވެސް ހިމެނެއެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތަފާތު ދެތިން ވާޝަނެއްގެ ރިޕޯޓު އެބައޮތެވެ. އެހެންކަމުން، އޭގެ ތެރެއިން އާންމުކުރެވެން ހުރީ ކޮން މައުލޫމާތުތަކެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް، އެ ރިޕޯޓުތަކުގައި ފުލުހުންގެ އިންޓެލިޖެންސްގެ ސިއްރު މައުލޫމާތުތަކެއް ހިމެނޭތީ، ހާމަކުރެވޭނެ މިންވަރެއް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ރިޕޯޓުތައް ފުރިހަމައަށް ދިރާސާކޮށް ނިންމައި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ އަރުވާނެ ކަމަށާއި، އާއިލާއާ ރިޕޯޓު ހިއްސާކުރުމާމެދު އެންމެ ފަހުގެ ނިންމެވުން ނިންމަވާނީ ރައީސް ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

މީގެއިތުރުން، އާއިލާގެ ފަރާތުން އެޕޮއިންޓްމަންޓަކަށް އެދިފައިވަނިކޮށް ބައްދަލުވުން ލަސްވެގެން ދިޔުމުން އެކަމަށް އުޝާމް ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި މި ހަފުތާގެ ތެރޭގައި ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވައި، ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދެވެން ހުރި އެންމެ ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ބަންޑާރަނައިބު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން