ތިމާއާ ވަކިވި ލޯބިވެރިޔާއަށް ޙަސަދަ ނުބާއްވައި ހެޔޮކޮށް ކަންތައްކުރިމާ ދެބަސްވުމުން ކުރާވަރަށްވުރެ ބޮޑަށް އަސަރުކުރާނެ! ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތިމާއާ ވަކިވި ލޯބިވެރިޔާއަށް ޙަސަދަ ނުބާއްވައި ހެޔޮކޮށް ކަންތައްކުރިމާ ދެބަސްވުމުން ކުރާވަރަށްވުރެ ބޮޑަށް އަސަރުކުރާނެ! ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުން!

އެދެ ޒުވާނުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް ކައިވެނި ނުކުރެވުނީ އަންހެންކުއްޖާގެ މައިންބަފައިން ނުރުހި ދެކޮޅުހެދުމުންނެވެ. ކައިވެނިކޮށްފިނަމަ ދެމަފިރިން އެމީހުންގެ ފުރާއަށް ގެއްލުންދޭނެ ކަމުގެ ބިރުދެއްކުމުންނެވެ.  

އެހެންވެ ދެމީހުން ރިވެތިގޮތުގައި ވަކިވީއެވެ. ޒުވާނާގެ ގާތުން އަންހެން ކުއްޖާ އެދުނީ އިތުރަށް އޭނާއާއި ނުގުޅުމަށެވެ. ބައްދަލުކުރަންވެސް މަސައްކަތްނުކުރުމަށެވެ. ސަބަބަކީ ލޯބިނުވުން ނޫންކަމަށާއި މަންމައާއި ބައްޕަގެ ފުރާނައަށް ގެއްލުންވެދާނެ ކަމެއް ނުކުރުން ކަމަށްވެސް ބުންޏެވެ. ދުވަސްކޮޅެއް ފަހުން މަންމަމެން ކައިވެނިކުރުވަން ބޭނުންވި މީހާއާއި ކައިވެނިވެސް ކުރިއެވެ.  

އެއިގެ 5 އަހަރު ފަހެވެ. ފިރިމީހާއަށް ވަރަށް ބަލިޙާލު ޖެހުމުން ގޭގެ ޚަރަދުތައް ނުބެލެހެއްޓި ދަތިޙާލުގައި އުޅެންޖެހުމުން ފިރިމީހާ ބުނި ތަނަކަށް ސިޓީލައިގެން ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގައި ދެވުނީ ކުރީގެ ލޯބިވެރިޔާގެ އޮފީހަށެވެ.  

އޭނާ އެކަމުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި އަހައިލީ ފިރިމީހާގެ ޙާލެވެ. އެވާހަކަތައް ކިޔައިދިނުމުން ބުންޏެވެ. "އެހެންވީމާ ވަރަށް ދަތިވާނެތާއެވެ. އަވަހަށް ވަޒީފާއަށް ނުކުންނާށެވެ! އޮފީސްހުޅުވާ ގަޑީގެ 2 ގަޑިއިރު ފަހުން އައިނަމަވެސް އަދި އޮފީސް ބަންދުކުރުމުގެ އެއްގަޑިއިރު ކުރިން ގެއަށް ދިއަނަމަވެސް މައްސަލައެއް ނެތެވެ. ހަމަމުސާރަލިބޭނެއެވެ. އެއީ ފިރިމީހާ ބަލިވެ އޮތީމާ އެހީތެރިކަން ބޮޑަށް ބޭނުންވާނެތީއެވެ. ދެން އިތުރަށް ބުނެލަން އޮތީ މިތަނުގައި މަސައްކަތްކުރަންޖެހުމަކީ މާޒީގެ ހަނދާންތައް އައުކުރާ ސަބަބަކަށް ނުހަދާށެވެ!"  

އަންހެން މީހާ އެކަމަށް އެއްބަސްވެ ލޯބިވެރިޔާގެ އަނބިމީހާގެ ޙާލު އެހުމުން ބުންޏެވެ. "ކައިިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވުނީމާ ކައިވެނިކުރުމުގެ ޚިޔާލު ދޫކޮށްލައިފީމެވެ. އަހުރެން މިހުރީ މަސައްކަތާއި ކައިވެނިކޮށްގެންނެވެ. އެހެންވެ މިހުންނަނީ ވަރަށް ހިތްހަމަޖެހިގެންނެވެ."  

މަދުން ނަމަވެސް މިފަދަ ކަންކަން ކުރިމަތިވެއެވެ. ލިބޭ ހިތްދަތިކަމުގެ ބޮޑުކަމުން އިތުރު ކައިވެންޏެއް ނުކުރަން ނިންމައެވެ. އެކަން އެގޮތަށް ނުކުރާށެވެ! ކައިވެނިކުރެވެނީ ލޯބިނުވެ ކަމަށްވިޔަސް ކައިވެނިކުރެވުނީ ހެޔޮލަފާ ތަޤްވާވެރިއަކާއި ނަމަ ލޯބި އުފެދި އިތުރަށްވެސް ލިބޭނެއެވެ. އިން ޝާ ﷲ  

ދެން ބުނެލަން ބޭނުންވަނީ ކުރީގެ ލޯބިވެރިންނަށް ޙަސަދަ ނުބާއްވައި އެޒުވާނާ ކަންތައް އެކުރި ގޮތަށް ކަންތައްކުރާށެވެ! ދެބަސްވުމުން ކުރާވަރަށްވުރެ ބޮޑަށް އަސަރުކުރާނީ ހެޔޮކޮށް ހިތުމުންނެވެ. އަދި އެކަމުގައި ކުރާނެ އެންމެ ބޮޑު ފައިދާއަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުމެވެ.

 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން