ދޮން މީހާ ދޭނެ ގިނަފައިސާގެ ދަހިވެތިކަމުގަ ފިރިމީހާގެ ގާތުން ވަރިވި އަންހެނަކަށް ލަނޑުލިބި ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ދޮން މީހާ ދޭނެ ގިނަފައިސާގެ ދަހިވެތިކަމުގަ ފިރިމީހާގެ ގާތުން ވަރިވި އަންހެނަކަށް ލަނޑުލިބި ޖެހުނު ޙާލުގެ ވާހަކަ-

އެއީ ދޮން މީހެކެވެ. އޭނާ އައީ ކުންފުންޏަކުން މަސައްކަތެއް ލިބިގެން އމަސައްކަތްކުރާށެވެ. 3 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ނިމެންދެން އޭނާ ހުންނަން ހަމަޖެހިފައިވަނީ ސޯޝަލް މީޑިއާއިން ރައްޓެހިވި އަންހެނެއްގެ ގޭގައެވެ.  

އެއީ ކައިވެނިކޮށްގެން ހުރި އަންހެނެކެވެ. ފިރިމީހާ ގާތުގައި އެދުނީ އޭނާ ހުންނަ ދުވަސްކޮޅު އޭނާއަކީ އަނބިމީހާ ކަމަށް ނުބުނުމަށެވެ. ގޭގެ ނޯކަރުކަމަށް ބުނުމަށެވެ. އެއީ އޭނާއަށް މަސައްކަތް ލިބުމުން ނިންމާފައި ފުރަމުން އަނބިމީހާއަށް ގިނަ ޢަދަދެއްގެ ފައިސާ ދޭނެތީއެވެ.  

ފިރިމީހާ އެކަމަށް އެއްބަސްވިއެވެ. ނަތީޖާއަކަށްވީ އެދޮންމީހާ އަޅަކަށް ކަންކަންކުރާނެ ގޮތަށް ފިރިމީހާއާއިމެދު ކަންކަން ކުރުމެވެ. ފިރިމީހާ އެކަމަކަށް އަޅައިވެސް ނުލައެވެ. ނޯކަރު ހެދިގެން ހުރީއެވެ.  

މަހެއްހައި ދުވަސްނުވަނީސް އަނބިމީހާ ވަރިއަށް އެދުނެވެ. ފިރިމީހާ ހުޅުވައިދިން ފިހާރަ އަނބުރާ ފިރިމީހާއަށް ދިނެވެ. އެއީ ދޮންމީހާއާއިއެކު ފުރައިގެން ދިއުމަށެވެ. ފިރިމީހާ ޖެހިލުމެއް ނެތި އަނބިމީހާ އެދުނު ގޮތަށް ކަންތައްކޮށްދިނެވެ. އެހިސާބުން އޭނާ ގޮވައިގެން އަނބިމީހާ ބަދަލުވީ އަނބިމީހާގެ ގެއަށެވެ.

އޭނާ ކުރަން އެއްބަސްވި މަސައްކަތެއް ނުނިންމުނެވެ. ކުރި މަސައްކަތުގައިވެސް ބައިވަރު މައްސަލަތައް ހުރުމުން ކުންފުނިން ބަލައެއް ނުގަތެވެ. އެހެންވެ އެއްވެސް ފައިސާއެއް ލިބޭނެ ގޮތްނުވުމުން މަސައްކަތްކުރުވި ކުންފުނީގެ ވެރިމީހާއާއި ބައްދަލުކުރަން އޭނާގެ އޮފީހަށް ދިއައެވެ. ދިއައީ އަންހެންމީހާވެސް ގޮވައިގެންނެވެ.  

ބައިގަޑިއެއްހާއިރުގެ އިންތިޒާރަކަށްފަހު ވެރިމީހާއާއި ބައްދަލުކުރަން އޭނާގެ ކެބިނަށް ވަދެވުމާއިއެކު ދެމީހުން ދިއައީ ސިއްސައިގެންނެވެ. ވެރިއަކަށް އިނީ އެމީހެއްގެ ގާތުން އަންހެން މީހާ ވަރިވި ފިރިމީހާކަމަށްވުމުންނެވެ. ފިރިމީހާ އެކަން މައްސަލައަކަށް ނުހަދައެވެ. އޭނާ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ބުނީ ކުންފުނީގެ ޑިޕާޓްމަންޓްތަކުން ޒިންމާދާރުކަމާއިއެކު ނިންމާ ނިންމުންތައް ބަދަލުކުރުމަކީ އޭނާ ކުރާކަމެއް ނޫން ކަމަށެވެ. ވީމާ ކުންފުނީގެ ނިންމުމަށް އިޙްތިރާމް ކުރުމަށެވެ.  

އޭނާއަށް ފުރަންޖެހުނީ އެއްވެސް ފައިސާއެއް ނުލިބިއެވެ. ގެނައި ފައިސާކޮޅު ހުސްވެ ދަތިކޮށް އުޅެމުންނެވެ. އެކުގައި ގެންދަން ނިންމި ލޯބިވެރިޔާވެސް ނުގެންދެއެވެ. އޭނާ ފުރުމުން އަނބިމީހާ ގޮސް ފިރިމީހާއާއި ބައްދަލުކޮށް މާފަށް އެދުމުން ދިނީ ވަރަށް ކުރުޖަވާބެކެވެ. "ތަނަވަސްކަން ހޯދައިދޭން ފިހާރައެއް ހުޅުވައިދިނީމާ މަދުވެ ދިރިއުޅުން ނަގައިލި އަންހެނަކާއި އިތުރަށް ވާހަކަދައްކަންވެސް ބޭނުންނުވާ ކަމަށެވެ."

މިއީ އަޅުގަނޑަށް ފެނިފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދޭން ބޭނުންވީ ސޯޝަލްމީޑިއާއިން ބައްދަލުވާ ގޮތް ނުއެނގޭ މީހުންނާއި ގުޅެން ދިވެހި އަންހެނުންވެސް އަދި ފިރިހެނުންވެސް އެމީހުންގެ ބައިވެރިޔާ ދޫކުރުމުގެ މައްސަލަތައް ގިނަވަމުން އަންނާތީއެވެ. މިވާހަކައިގައި އެއުޅެނީ ތަނަވަސް ފިރިއެކެވެ. އަޅުގަނޑު ބުނާނީ ފިރިމީހާއަކީ ނުވަތަ އަނބިމީހާއަކީ ފަޤީރެއް ނަމަވެސް ތަނަވަސްކަމަށް ދަހިވެތިވެ ތިމާދެކެ ލޯބިވާ މީހަކު ދޫކޮށްލައިފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެ ކަމަށެވެ.

 

- ސަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން