"އަހުރެން ތިބާ ވަރިކުރާކަށް ބޭނުމެއް ނޫނެވެ. ތިއައީ އަހުރެންގެ 3 ދަރިންގެ މަންމައެވެ. އެކަމަކު ހަމައެކަނި ތިބާއާއިއެކު އުޅެވޭކަށެއްވެސް ނެތެވެ. ޖަހަނީ މާމުސްކުޅި ސިފައެވެ. އެހެންވީމާ ދެން އަހުރެން އުޅޭ ގޮތާއި ކުރާ ކަންކަމާއި ނުބެހި އުޅޭށެވެ. ކާންބޯންދީ ގޭގެ ޚަރަދުތައް ބަލަހައްޓާނަމެވެ."
އަނބިމީހާ އެހިސާބުން ނިންމީ ވަރިވުމަށެވެ. އެއީ ކައިވެނީގެ 10 އަހަރުގެތެރެއިން 5 އަހަރު ފިރިމީހާގެ އެފަދަ ބަސްތައް ތަކުރާރުކޮށް އަޑުއިވިފައިވާތީއެވެ. ބޭވަފާތެރިވާތީ އަބަދުހެން ކަރުނައަޅަންޖެހިފައިވާތީއެވެ.
އެހެންވެ އަނބިމީހާ އަމިއްލައަށް ކޯޓަށް ގޮސް ވަރިވިއެވެ. އެދުވަހު ކޯޓުގައިވެސް ފިރިމީހާ ނުބައި ބަސްތައް ބުންޏެވެ. 40 އަހަރުގެ 3 ދަރިންގެ މަންމައަކާއި ކައިވެނިކުރާނެ މީހަކު ނުވާނެކަމަށް ބުނެއެވެ. އަނބިމީހާ އޭނާގެ އެވާހަކަތަކަކަށް ރައްދެއް ނުދެއެވެ.
ވަރިކުރިތާ 3 މަސްވެ ޢިއްދަ ހަމަކުރަން ކޯޓަށްދިއަ ދުވަހެވެ. އެކަން އެނގިގެން ފިރިމީހާ ގޮސް ހުރީ ފާރަލައިގެންނެވެ. ހީކުރީ އަނބިމީހާ ކޯޓުން ނުކުންނާނީ ވަރަށް ދެރަވެ ހުރެގެން ކަމަށެވެ. ނަމަވެސް ނުކުތީ ހިނިތުންވެ ހުރެގެންނެވެ. މަގުމައްޗަށް ނުކުމެވުމާއިއެކު ދެއަތް އުފުލައި ދުޢާއެއްކޮށްފައި ކުރިއަށް ހިނގައިގަތްތަނާ ކުރީގެ ތަނަވަސް އަވަށްޓެރިޔާ އޭނާގެ ކުރިމައްޗަށް އަރައި ހުއްޓުވިއެވެ. އަދި އޭނާގެ ކާރުގައި ގެއަށް ގެންގޮސްދޭނެކަމަށް ބުނެ ކާރަށް އަރަން ދަޢުވަތުދިނުމުން ކާރަށް އެރިއެވެ.
"ސަމީއެވެ! އަވަށްޓެރިއަކަށްވީތީ ހިނގައިދިއަ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގެއެވެ. ކިޔައިދޭނެޖެހޭ އެއްވެސް ކަމެއް ނެތެވެ. އަހުރެންގެ ކައިވެނި ރޫޅުނު ގޮތް ސަމީއަށްވެސް އެނގޭނެއެވެ. އަހުރެންނާއި ބައްދަލުތިއަވީ އިއްތިފާޤަކުން ނޫނެވެ. ބައްދަލުކުރަން އަހުރެން އައިސް ހުރީތީއެވެ. ވަރިވީންސުރެ މިއަންނަނީ ސަމީގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. މިއީ ސިއްރެކެވެ. އަހުރެންނަށް އެހީތެރިވީ ސަމީގެ މަންމައެވެ. ސަމީ ރުހޭނަމަ މިރޭ ހެކިވެރިން ފޮނުވާނަމެވެ."
ސަމީ ރުހުނެވެ. ކައިވެނިކުރެވުނެވެ. ސަމީއަށް ކުރިން ނުލިބުނު ހުރިހާ އުފާވެރިކަމެއް ލިބުނެވެ. ބޮޑު ތަނަވަސްކަމެއް ލިބުނެވެ. ދެމަފިރިން އުފަލުގައި ދިރިއުޅޭތާ މިހާރު 12 އަހަރުވެއްޖެއެވެ.
މިއީ އަޅުގަނޑުގެ އެކުވެރި ސަމީގެ ޙަޔާތުގެ ވާހަކައެވެ. ފާހަގަކޮށްލަން ބޭނުންވާ ހަމައެކަނި ކަމަކީ ޒުވާން ޢުމުރުގައި ކައިވެނިކޮށް ދަރިން ލިބުމުން އަނބިމީހާއަށް އަނިޔާވެރިވާ ފިރިންނާއިއެކު ޙަޔާތްވޭތިކުރަން ނުވެސް ވިސްނާށެވެ. ސަމީއަށް ލިބުނުހާ ފަސޭހައިން ނުލިބުނަސް މާރަނގަޅު ބައިވެރިއަކު ލިބޭނެއެވެ. އެއީ އަނިޔާ ލިބޭ މީހުންގެ ދުޢާ ޢިޖާބަކުރައްވަވާނެތީއެވެ. އިން ޝާ ﷲ
- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް