މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ދުއްވައި، ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ދުއްވައި، ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މައްސަލައަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިއްޔެ (އޮކްޓޫބަރު 4) ގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އޭނާ ދެނެގަނެފައެވެ. އަދި މާލޭގެ ޓްރެފިކް ލައިޓް ކައިރިން ސައިކަލު މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ފިލަން އޭނާ މަސައްކަތްކުރިއެވެ.

ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި ވަނީ އެކްސިޑެންޓްވެފައެވެ. މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށްލުމަށްފަހު އޭނާ ވަނީ އެ ސަރަހައްދުން ފިލާފައެވެ. ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލެ މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ. އޭނާގެ މައްޗަށް 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމުގެ އިތުރުން، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިއަދު އޮންލައިން