ޢާއިޝަތު ރަފާޙް ޢަލީ
ދަރިން ތަރުބިއްޔަތުކުރުން ފެށެނީ ކައިވެނީގެ ފަހަކުންނެއް ނޫނެވެ. ކައިވެނީގެ ކުރިންނެވެ.
އެހެންކަމުން ދަރިން ތަރުބިއްޔަތުކުރުމުގެ ވިސްނުމަކީ، ތިމާގެ ހުވަފެނީ އަންހެންކުއްޖާއާ ކައިވެނިކުރުމެއް ނޫނެވެ. ނަމަވެސް އެއީ ތިމާގެ ދަރިންގެ މަންމައާ ކައިވެނިކުރުމެވެ. އަދި އެއީ ތިމާގެ ހުވަފެނީ ފިރިހެނާއާ ކައިވެނިކުރުމެއްވެސް ނޫނެވެ. ނަމަވެސް އެއީ ތިމާގެ ދަރިންގެ ބައްޕައާ ކައިވެނިކުރުމެވެ.
މި ވިސްނުން ބަދަލުކުރުން ވަރަށް މުހިންމެވެ. ސަބަބަކީ ހޮލީވުޑްގެ ވިސްނުމަކީ "މިއީ މަގޭ ހުވަފެނީ ފިރިހެނާއެވެ"، "މިއީ މަގޭ ހުވަފެނީ އަންހެނާއެވެ" – ކޮންމެ ކަމަކީވެސް ހަމައެކަނި ރޮމޭންޓިކް ކަމެއްގެ ގޮތުގައި ދެއްކުމެވެ.
އެއިރުން ދެން ވަނީ ކިހިނެއް ހެއްޔެވެ؟ ކުލަގަދަ ކައިވެނީގެ ޙަފްލާއަށްފަހު ޖެހިގެން އަންނަ ދުވަހު ހޭލެވޭއިރު، ޙަޤީޤަތާ ކުރިމަތިލާންޖެހެއެވެ. އޭރުން ދިރިއުޅުން ފެށުނީ ނޫންހެއްޔެވެ؟ އެއީ ތިމާގެ ބާކީ އޮތް ދިރިއުޅުމުގެ ފުރަތަމަ ދުވަހެވެ. ފުރަތަމަ ދުވަހުވެސް ތިމާގެ އަރިހުގައި ވަނީ ތިމާގެ ދަރިންގެ ބައްޕަ ނުވަތަ މަންމަކަން ކަށަވަރުކުރުން މުހިންމެވެ.
ސަބަބަކީ ކޮބައިހެއްޔެވެ؟ ސަބަބަކީ إن شاء الله މި ކައިވެނީގެ ތެރެއިން ތިޔަބައިމީހުންނަށް ދަރިން ލިބޭނެތީއެވެ. އަދި އަހަރެމެން މިވަނީ ﷲ ގެ ޙަޟްރަތަށް ކުރެވޭ ދަތުރެއްގައެވެ. އަދި ﷲ ގެ ޙަޟްރަތަށް ކުރެވޭ މި ދަތުރުގައި އަހަރެމެން އެންމެންވެސް މި ބިނާކުރަނީ ޖަންނަތެވެ.
އުފާވެރި ކައިވެންޏެއް ދެއްވުން އެދި ކުރެވިދާނެ ދުޢާއެއް!:
ﷲ ތަޢާލާ ފުރްޤާން ސޫރަތުގެ 74 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾
މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! (74)
- ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް