ދީނުގައި ޘާބިތުވެ ހުރެވޭނީ ކަންކަން ދީނުގައި
އޮތްގޮތް އެނގިގެންނެވެ. އެކަންކަން އެނގޭނީ ހޯދައި ބެލުމުންނެވެ. ގިނަ މީހުންނަށް އޮންނަނީ އެކަމަށް ވަޤުތު ނުވެފައެވެ. ވީމާ ކޮންމެ މީހަކަށްވެސް އެނގުން މުހިންމު ބައެއް ކަންކަންފާހަގަކޮށްލާނަމެވެ.
ޤައުމުތަކަށް ޒިޔާރަތްކޮށް އުޅޭއިރު ވަރަށް ތަފާތު ކަންކަން ފެންނާނެއެވެ. މުސްލިމުންގެ ނަމުގައި ތިބިނަމަވެސް ފާސިޤުން އުޅޭތީއެވެ. ވީމާ ފެންނަހައި ކަންކަމަކީ ކުރަން ރަނގަޅު ކަންކަން ކަމަށް ޤަބޫލުނުކުރާށެވެ!
މުސްލިމުންގެ ނަމުގައި އުޅޭ ބައަކު މިހާރުވެސް އެމީހަކު ތާއީދުކުރާ، ލޯބިވާ މީހުން މަރުވުމުން މަހާނަހަދައި ޒީނަތްތެރި ކުރެއެވެ. ޒިޔާރަތް ހަދައެވެ. ތަޞްވީރުތައް ކުރަހައެވެ. އެތަންތަނާއި ތަކެއްޗަށް އިޙްތިރާމް ކުރުމުގެ ނަމުގައި އަޅުކަންވެސް ކުރެއެވެ.
މިފަދަ މީހުން ޤިޔާމަތް ދުވަހު ވާހުށީ ﷲ ތަޢާލާ އެންމެ ނުރުއްސަވާ މީހުން ކަމުގައެވެ. ލައްނަތް ލެއްވިގެންވާ މީހުން ކަމުގައެވެ.
މިކަން މިހެން އޮއްވައި އެމީހަކު ރުހޭ، ލޯބިވާ މީހުން ދިރިތިއްބައި އެމީހުންގެ ރުހުން ހޯދަންވެގެން އެމީހުންނަށް ތާއީދުކުރުމުގެ ނަމުގައި އެމީހުންނަށް އަޅުކަން ކުރެވޭ ބައަކު އެބަ އުޅެއެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަހައްޓާފައި އެފަދަ މީހުން ބުނާ ގޮތަށް ކަންތައް ކުރާ ބައަކުވެސް އުޅެއެވެ.
އެފަދަ މީހުން ރުއްސަންވެގެން އެމީހުން ބުނާ ކަންކަން ކުރަން އުޅެން ހަދައިގެން ވަގުތުފާއިތުވެގެންދާއިރު ނަމާ ނުކުރެވޭ މީހުން އެބަ އުޅެއެވެ! ފަޤީރުންނަށް ޞަދަޤާތް ނުކޮށް އެމީހުން ރުއްސަން އެމީހުން ބުނާ ކަންކަމަށް ހޭދަކުރާ މީހުން އެބަ އުޅެއެވެ! އެމީހުން ހަމައެކަނި ނުކުރާ ކަމަކީ އެމީހުންގެ ނިތްކުރިން އެބައަކަށް ސަޖިދަ ކުރުމެވެ. ނަމަވެސް ހިތަށް ބަލައިފިނަމަ ތިބެނީ އަޅުވެތިވެ ސަޖިދަވެސް ކޮށްގެންނެވެ. އެމީހުން ބުނާ ކަންކަން ކުރަން އުޅެން ހަދައިގެން ނަމާދު ނުކުރެވި ދިއުން މިކަމުގެ ހެއްކަކަށް ފުދޭނެއެވެ!
މަރުވުމުންވެސް ދިރިހުއްޓައިވެސް ﷲ ނޫން ފަރާތަކަށް އަޅުވެތިވެވުމަކީ ބިރުހުރިކަމެކެވެ. މި ޙަދީޘްފުޅަށް ވިސްނައި ބިރުވެތިވާށެވެ!
Prophet (ﷺ) said:
"When a pious person amongst them (among the religious groups) dies they build a place of worship on his grave, and then decorate it with such pictures. They would be the worst of creatures on the Day of judgment in the sight of Allah."
Sahih Muslim 528
ހަމައެއާއިއެކު އިސްލާމްދީނުގަ އޮތްގޮތް ދޫކޮށް، ވަކިމީހަކު ބުނާގޮތަށް ކަންކަން ކުރާނަމަ އެއީ އެމީހާއަށް އަޅުކަންކުރެވޭ މީހަކަށްވެދާނެއެވެ. މިއީ ވަރަށް ނުރައްކާބޮޑުކަމެކެވެ. އެކަމުގެ ނުރައްކާ ބޮޑުވަނީ ކޮންމެ ކަމެއްކުރަންވީ ގޮތްވެސް ﷲ ތަޢާލާ ބަޔާންކޮށްދެއްވަވާފައިވާއިރު ﷲ އަންގަވާފައިވާ ގޮތް ދޫކޮށްލައި މީހަކު ބުނާގޮތަށް ކަންކަންކުރެވޭތީއެވެ.
ވީމާ މިފަދަ ކަންކަމަށް ހޭލުންތެރިވާން މަސައްކަތްކުރަންވާނެއެވެ. ޔަޤީންކުރަންވީ އާޚިރަތްދުވަހު ދިންނަވާނީ ﷲ ތަޢާލާގެ އެންގެވި ގޮތަށް ކަންތައްކަށް ޢަމަލުކުރިމީހުން އެކަނިކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން