ޝައިޠޯނާއަށް ކައިރިވެވޭނަމަ ހަަމއެކަނި ފާފާތައް ކުރުވާށނީއެއް ނޫނެވެ. ދެމަފިރިން ރަނގަޅު ގޮތުގައި ދިރިއުޅޭނަމަ އެކަން ހަލާކުކޮށްލަން ގަދައަޅައި މަސައްކަތްކުރާނެއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާއާއި އަދި ތިމާ ދިރިއުޅޭގެޢާއިވެސް ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެ ގޮތަށް ޢަމަލުތައް ކުރުމެވެ. އެހެންވެ މިގެނެސްދެނީ އެކަން ކމިޔާބުކުރެވުނު އަންހެނެއްގެ ތަޖުރިބާއެވެ.
އޭނާ ބުނެފައިވެއެވެ. "އަހަރެން ބަދިގެތެރޭ މަސައްކަތުގައި އުޅުނަސް އެއްޗެތިދޮވެ ގޭތެރެ ސާފުކުރަން އުޅުނަސް، ކުރުކޮށްބުނާނަމަ ކޮންމެ މަސައްކަތެއްކުރަން އުޅުނަސް ރޭޑިއޯއިން ނުވަތަ ޓީވީއިން ނުވަތަ ފޯނުން ނަމަވެސް ދީނީ ނަޞޭޙަތާ ޤުރްއާނުގެ މާނަ އަޑުއަހަމެވެ. އެހެންވެ އިބިލީހަށް އަހަރެންނަކާ ކައިރިއެއް ނުވެވެއެވެ. ގެއަކާއިވެސް ކައިރިއެއް ނުވެވެއެވެ.
އިބިލީހަށް ގެއާއިވެސް ކައިރި ނުވެވޭތީ ދެމަފިރިންގެ މެދުގައި ފަސޭހައިން ޙައްލުނުކުރެވޭވަރުގެ މައްސަލަތަކެއް ނުޖެހެއެވެ. އަދިކީއްހެއްޔެވެ؟ އެކަމުގެ ސަބަބުން ދީނީ މައުލޫމާތު ވަރަށް ގިނައިން ލިބެއެވެ.! ކުރިން ނުއެނގޭ ބައިވަރު ކަންކަން މިހާރުއެނގެއެވެ."
އެއަންހެނާ އެބުނަނީ ވަރަށް ރަނގަޅު ވާހަކަތަކެކެވެ. ހިތުތެރޭގައި ބަހައްޓަން ބޭނުންވާ އެހެން ކަންކަން ތާޒާކުރާ ފަދައިން އީމާންކަންވެސް ތާޒާކުރަން ޖެހެއެވެ. އީމާންކަން ތާޒާކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުރެއެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގެ މާނަ ކިޔައި އުނގެނުންމަތީގައި ދެމިހުރުމެވެ. ހަމައެއާއިއެކު ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތައް އުނގެނެން މަސައްކަތްކުރުމެވެ.
ކޮންމެ މީހަކީ ހަމަ ކިޔައިލުމުން ކީރިތި ޤުރްއާނުގެ މާނަ ފަހުންވާނެ މީހެއް ނޫނެވެ. އަދި ޙަދީޘްފުޅުތަކާއި ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ފަހުމްވާނެ މީހެއް ނޫނެވެ. ވީމާ ދީނީ ޢިލްމުވެރިން ދެއްވާ ދަރުސްތައް ވީހައި ގިނައިން އަޑުއަހަންވާނެއެވެ. ދީނީ ޢިލްމުވެރިން އެކުރައްވާ މަސައްކަތަކީ ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކާއި އިސްލާމީ ސިޔަރަތާއި ދީނީ ބޮޑެތި ޢިލްމުވެރިން ދެއްވަވާފައިވާ ފަތުވާތައް ތަފްޞީލްކޮށްދެއްވެވުމެވެ. ވީމާ ދަރުސްތައް އަޑުއެހުމަކީ ދީނުގެ މައުލޫމާތު އިތުރުވެ ހިތުގައި ދީނީ ލޯބި އުފެދި އިތުރުވެގެންދާނެ އެންމެ ފަސޭހަ މަގެވެ.
އީމާންކަން ތާޒާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އަޅުކަން ކުރުމުގައި ކަންނެތް ވެވޭނަމަ އެއީ ޙަޔާތުން ގެއްލިގެންދާ އަގުހުރި ދުވަސްތަކެކެވެ. ބާކީވެ ބޭކާރުވެގެންދާ ވަގުތުތަކެކެވެ. އެއީ ކޮންމެ މީހަކު ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ އެއް ކަންތަކެވެ.
އީމާންކަމަކީ ވެސް އަބަދު އެއް މިންވަރެއްގައި ހިފަހައްޓަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ހީނަރުކަން އިތުރުވާ ދުވަސްތައްވެސް އަންނާނެއެވެ. ގިނަ ފަހަރަށް އެކަން ދިމާވަނީ އަޅުކަމާއި ދުރުހެލިވެވުމުންނެވެ. އަޅުކަން ކުރުމާއި ދުރުހެލިވެވޭ މިންވަރަކުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން