ސުވަރުގެއިން ނޫނީ ނުލިބޭނެ ނިޢުމަތްތަކުގެ ތެރެއިން 4 ނިޢުމަތަކާ ސުވަރުގެ ވަދެވުމުންވެސް ގިނަ ބައަކު އެންމެ ދެރަވާނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ސުވަރުގެއިން ނޫނީ ނުލިބޭނެ ނިޢުމަތްތަކުގެ ތެރެއިން 4 ނިޢުމަތަކާ ސުވަރުގެ ވަދެވުމުންވެސް ގިނަ ބައަކު އެންމެ ދެރަވާނެ ކަންތައް!

ނިޢުމަތްތަކުގެ ވާހަކަ ދެއްކުމުގެ ކުރިން އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ މިއަދު ޢާންމުވެ އެންމެ ބޮޑުވެގެން އުޅެންޖެހިފައިވާ ކަންތަކެވެ. އެއީ ޙަސަދަވެރިކަމެވެ. ސުވަރުގެ ވަދެވެން އޮތީ ހަމައެކަކަށްވެސް ޙަސަދަވެރިނުވެ ހިތް ޠޯހިރުކޮށްގެންނެވެ. ވީމާ ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ހަމައެކަކަށްވެސް ޙަސަދަވެރިނުވާށެވެ.

ސުވަރުގޭގެ އަހުލުވެރިން ތިބޭނީ އެތައް ދަރަޖަތަކެއްގައެވެ. ދަރަޖަ އުފުލި މަތިވެގެންދާނީ އެމީހަކަށް ހެޔޮ ޢަމަލުތައް ކުރެވުނު ވަރަކުންނެވެ. ބުނެވޭ ގޮތުން 100 ދަރަޖައެއްގައި މީހުން ތިބޭނެއެވެ. އެކަމަކު އެކަކުވެސް އެހެން މީހަކަށް ޙަސަދަވެރިއެއް ނުވާނެއެވެ. ރުޅިއައުމާއި ޒުވާބުކުރުމުގެ އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް ނުހިނގާނެއެވެ.  

ސުވަރުގެއިން އެކަނި ލިބޭނެ ނިޢުމަތްތަކުގެ ތެރެއިން 4 ކަމެއް ފާހަގަކޮސްލާނަމެވެ. 

ފުރަތަމަ ކަމަކީ އެއްވެސް މީހަކު އެއްވެސް ވަރަކަށް ބަލިވުމެއް ނެތެވެ. ބަލިވުމުގެ އިތުރަށް ސިކުނޑިއަށް ބުރަވާނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. ވީމާ ސުވަރުގޭގައި ޑޮކްޓަރުންނަކަށް ބޭނުމެއް ނުވާނެއެވެ.

ދެވަނަ ކަމަކީ މަރުވުމެއް ނެތި ދާއިމަށް ދެމިތިބެވުމެވެ. އަހަރުގެ ޢަދަދެއް ނުގުނޭނެއެވެ. ޔަޤީންކަމަކީ ދުވަހަކުވެސް މަރުނުވާނެ ކަމެވެ.  

ތިންވަނަ ކަމަކީ ދާއިމަށް ޒުވާންކަމުގައި ދެމިތިބެވުމެވެ. އެއްވެސް މީހަކު މުސްކުޅިއެއް ނުވާނެއެވެ. އެކަމަކު ޒުވާންކަން ދާނީ އިތުރުވަމުންނެވެ.  

ހަތަރުވަނަ ކަމަކީ ތިބާ ބޭނުންވި ކޮންމެ ކަމެއް ތިބާއަށް ވަޤުތުން ޙާޞިލްކުރެވުމެވެ. ދުނިޔޭގައި އަހުރެމެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ޙާޞިލްކުރެވޭނީ ޙާޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ވަރަށް މަދު ކަމެކެވެ. ނަމަވެސް ސުވަރުގޭގައި އެކަން ތަފާތެވެ. ކަމަކަށް ބޭނުންވެގެން ހިތަށް އަރުވައިލާ ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނެއެވެ. އެންމެ ހިނދުކޮޅަކަށްވެސް އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ.

މިހުރިހާ ކަންކަމަކީވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.

ސުވަރުގެ ވަދެވުމުން ދަށުން ދަރަޖަތައް ލިބޭ މީހުން ހިތަށް އަރާނެއެވެ. "އަޅެ ދުނިޔޭގައި ހުރެވުނުއިރު ހުރިހާ ވަޤުތެއްގައި އަޅުކަންކުރެވުނު ނަމައެވެ. އެންމެ ފާފައެއްވެސް ނުކުރެވުނުނަމައެވެ." ނަމަވެސް އެކަން އެދުވަހު ހިތަށް އެރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ މިއަދު އެކަންކަމަށް ވިސްނައި ޢަމަލުކުރުމުންނެވެ.

 

- ޝައިޚް ޖަމާލް ނަޞްރުގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން