ދަރިފުޅު ހެނދުނު ސައިބޯން އިންއިރު ދެރަވެފައި އިނުމުން މަންމަ ސުވާލުކުރުމުން ބުނީ އަނބިމީހާ އާއި ކުޑަކަމެއްގައި ދެބަސްވެވިގެން ކަމަށެވެ. ދަރިފުޅު އެހެން ބުނީ އެކަމަކީ މާބޮޑު ކަމަކަށް ހަދައިގެން މަންމަ ފިޔަވަޅު އަޅާނެ ކަމަކަށް ނޫނެވެ.
ނަމަވެސް ކަންތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. ދަރިފުޅު އޮފީހަށް ދިއުމުން ޅީދަރުފުޅަށް އެއްޗެތިގޮވީއެވެ. ފިރިމީހާ އެހާބުރަކޮށް މަސައްކަތްކުރާއިރުވެސް ބޯގޮއްވަނީކަމަށްބުނެއެވެ. ވަރުގަދަ އިންޒާރުތައް ދިނީއެވެ.
ފިރިމީހާ ހަވީރު ގެއަށް އައިއިރު އަނބިމީހާ ހުރީ މިލައި މޯޅިވެފައެވެ. އުފާވެރިކަމެއް ނެތެވެ. ސުވާލުކުރުމުން ކަންތައްވީގޮތް ކިޔައިދިނުމުން ފިރިމީހާ ވަރަށް ދެރަވިއެވެ. އަދި ކުރެވުނު ކުށަށް މާފަށް އެދުނެވެ.
މިކިޔައިދިނީވެސް ޙާދިސާއެކެވެ. މިފަދަ ޙާދިސާތައް ވަރަށް ގިނައިން ހިނގައެވެ. ވީމާ ދެމަފިރިންގެ ެމދުގައި ހިނގާ ކުދިކުދި ކަންކަމުގެ ވާހަކަ މަންމަގެ ގާތުގައިވެސް ނުބުނާށެވެ. ދެމީޙުން އެކަން ޙައްލުކުރާށެވެ. ނޫންނަމަ މިފަދަ ކަންކަން މެދުވެރިވާނެއެވެ. މައިންގެ އެހީތެރިކަން ހޯދަންވާނީ ދެމަފިރިންނަށް ޙައްލުނުކުރެވޭ ކަންކަމުގައެވެ. ދެމަފިރިންގެ ގުޅުން އުފަލުގައި ދެމެގހެއްޓޭނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް