2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލް ޝެޑް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ނޮވެމްބަރުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންނާއި، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ޞިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތު ސަލާމަތްވެ، ދިމާވާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ މުހިންމު ކާމިޔާބީއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުން އެތައް އަހަރެއް ވަންދެން އުފުލި ދަތިތަކާއި ތަކުލީފުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ލުއިކަން ގެނެސްދެއްވައި، ޤައުމަށް ހެޔޮ ބަދަލުތައް ގެންނަވަމުންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.