ރަސްމާލެއަކީ ފަޅެކެވެ. އެފަޅު ހިއްކައިގެން ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރަން ބޮޑެތި މަޝްރޫޢުތައް ހިންގަން ފެށުމުން އިދިކޮޅު ހަމަ ރަނގަޅަށްވެސް މޮޔަވެއްޖެއެވެ. ބިން ކުއްޔަށް ދިނުމުން ވިއްކައިލީ ކަމަށްބުނާއިރު ފުރަ މާލޭގެ އެންމެ އަގުބޮޑު ސަރަޙައްދުތަކުން 4 ބިން ކިއްލިއެއްގެ އަގަށްދީ އެކަމުން ސަލާމަތްނުވެވިފައިވާކަން ހަނދާނެއް ނެތެވެ. ނިޞްބަތުން ކިއްލިއެއްގެ އަގު އިންވެސްޓްކުރުމުން އަގުބޮޑު ރިޒޯޓެއް ހިންގައިގެންވެސް ނުލިބޭނެހާ ބޮޑު ފައިދާ ނަގަން ދޫކޮށްލައިގެން ތިބިކަން ހަނދާންވެސް ނެތްފަދައެވެ.
އިދިކޮޅު މޭކަރާނެވަރު އެނގޭތާއެވެ! ފުރަތަމަ ދެއްކީ އިންވެސްޓަރަކު ރާއްޖެ ނުއަންނާނެ ވާހަކައެވެ. އެކަމަކު އެކިވަރުގެ އިންވެސްޓްމަންޓްތައް ލިބެމުން އައިސް އެންމެފަހުން ފެނިގެން މިދިއައީ އެމްޑީޕީގެ 2 ވެރިކަން އެއްކޮށްލައިގެން ބެލިނަމަވެސް ހޯދިފައިވާވަރަށްވުރެ އެތައް ގުނައެއް ބޮޑު، ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑު އިންވެސްޓްމަންޓެކެވެ. މަޝްރޫޢު ފެށިގެންދަނީވެސް އެތައް ހާސް ހައުސިންގ ޔުނިޓްތަކާއެކުގައެވެ.
20 ބިލިއަން ޑޮލަރުގެ ތާރީޚީ އިންވެސްޓްމަންޓް: ދިވެހިރާއްޖޭގެ މުސްތަޤްބަލް ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް:
ނިމިދިޔަ ހަފުތާއަކީ ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިސާދީ ތަރައްޤީގެ ދާއިރާއިން ސަރުކާރުން ހާސިލުކުރަން އަމާޒު ހިފާފައިވާ ލަނދުދަނޑިތަކަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު، ތާރީޚީ ފިޔަވަޅުތަކެއް ފެނިގެންދިޔަ ހަފުތާއެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއު ކަމުގައިވާ ރަސްމާލެ ވޯޓަރފްރަންޓް އަދި މެރީނާ ތަރައްޤީކުރުމުގެ 20 ބިލިއަން ޑޮލަރުގެ ބިޔަ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާ ދެމެދު ސޮއިކުރުމަކީ ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލަށް އުއްމީދީ އައު ދިރުމެއް ގެނެސްދިން ކަމެކެވެ. މިއީ ރާއްޖޭގެ ޖުމްލަ ޖީޑީޕީއަށް ވުރެ ވެސް އެތައް ގުނައެއް ބޮޑު، ތާރީޚީ ބޮޑު އިންވެސްޓްމަންޓެކެވެ.
މަޝްރޫއުގެ އިޤްތިސާދީ ފައިދާތަކާއި ވަޒީފާގެ ފުރުސަތުތައް:
މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާއިރު، ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއު ނިމި ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، މަޝްރޫޢު ތަރައްޤީވަމުންދާ މުއްދަތުގައި ޖުމްލަ 11 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. މި ވަޒީފާތަކުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އާއިލާއާ ދުރުގައި ތިބެން ނުޖެހި، މާލެ ސަރަހައްދުގައި ދިރިއުޅެމުން ވަޒީފާ އަދާކޮށް، ކޮންމެ ދުވަހަކު އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
ދެމެހެއްޓެނިވި މާލީ މޮޑެލް އަދި ދައުލަތުގެ ބާރުވެރިކަން:
ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި މި އެއްބަސްވުން ބިނާކޮށްފައިވަނީ ސޮއިކުރާ ދުވަހު ލިބޭ އެއްފަހަރުގެ ޗެކަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުބާއީ އާއި ސިންގަޕޫރު ފަދައިން ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް އާމްދަނީ ލިބޭނެ މޮޑެލްއަކަށެވެ. އެގޮތުން، ކޮންމެ ޚިދުމަތަކުންނާއި ވިޔަފާރިއަކުން ނެގޭ ޓީޖީއެސްޓީ އާއި، މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ އަދި މުދާ ގަނެވިއްކުމުގެ ކޮންމެ މުއާމަލާތަކުން 4 އިންސައްތަ ދައުލަތަށް ލިބޭނެއެވެ.
މުހިންމު ކަމަކީ މި މަޝްރޫއަށް ސަރުކާރުން އެއްވެސް ލޯނެއް ނަގަން ނުޖެހުމާއި، ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހުމާއި، އަދި އެއްވެސް ޓެކްސް ލުޔެއް ނުދިނުމެވެ. ހުރިހާ މުއާމަލާތެއްގެ ފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށް ކަމަށްވާތީ، ޑޮލަރު ލިބުމުގެ ދަތިކަމަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ބިމުގެ މިލްކުވެރިކަމާ ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވަޒީރު މުއްތަލިބާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވެސް ވަނީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ބޭރުގެ ފަރާތްތަކަށް މިލްކު ނުކުރެވޭނެ (ފްރީހޯލްޑް ނުދެވޭނެ) ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއީ ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން 99 އަހަރަށް "ލީސް ރައިޓްސް" އުސޫލުން ދޫކުރެވޭ ބިމެކެވެ. އަދި އެ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކެވެ.
މި އެއްބަސްވުމުގެ ދަށުން، އީގަލްސް ހިލްސްއިން ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް އިމާރާތް ކުރުމަށް ވަނީ ނިންމައިފައެވެ. މުއްތަލިބް ވިދާޅުވީ މި އެޕާޓްމަންޓުތައް އެޅުމަށް 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަަދަދެއް ހޭދަވާނެ ކަމަށެވެ. އެއީ ރަސްމާލެއިން އެއްވެސް އާމްދަނީއެއް ލިބުމުގެ ކުރިން ފައިނޭންސް ކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި އީގަލްސް ހިލްސް ކުންފުނިން މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގެ 500 ހެކްޓަރުގައެވެ. ބާކީ 600 ހެކްޓަރު އޮންނާނީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރަސްމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައި އޮތް ސަރަހައްދަކީ ހުޅުމާލެ 1، 2 އަދި 3 އަށް ވުރެ ބޮޑު ސަރަހައްދެކެވެ.
ބޯހިޔާވަހިކަމުގެ އައު އުއްމީދުތައް:
ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި މަޝްރޫއުގެ ތެރެއިން ވަނީ ބޮޑު ހައްލެއް ހިމަނާފައެވެ. އެގޮތުން، ރަސްމާލެއިން އާމްދަނީ ލިބުމުގެ ވެސް ކުރިން، އީގަލް ހިލްސްއިން ފައިނޭންސް ކޮށްގެން ހުޅުމާލޭގައި 3 ކޮޓަރީގެ 5,000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެއެވެ. 400 އާއި 500 މިލިއަން ޑޮލަރާ ދެމެދުގެ މި ބިޔަ ހައުސިންގ މަޝްރޫޢު ކުރިއަށްދާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް، ދަރަންޏަކަށް ނުގޮހެވެ.
މީގެ އިތުރުން ރަސްމާލޭގެ 500 ހެކްޓަރު ހަމައެކަނި ދިވެހިންގެ ބޯހިޔާވަހިކަމަށް ޚާއްސަކުރެވިފައިވާއިރު، އެތަނުގައި 150،000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަމާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އެހެނިހެން ޒަމާނީ ވަސީލަތްތައް ފަހިވެގެންދާނެއެވެ.
އީގަލް ހިލްސްގެ ތަޖުރިބާ:
ދުބާއީގެ މަޝްހޫރު ޑައުންޓައުން ދުބާއީ އާއި ބެލްގްރޭޑް ވޯޓަރފްރަންޓް ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ މުޅި ދުނިޔެއަށް ވެސް ޚާއްސަ، ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެކެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެއްޓާއި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ރިޢާޔަތްކޮށް، ދިވެހި ރައްޔިތުންނަށާއި އިޤްތިޞާދަށް އެންމެ ފައިދާހުރި ގޮތުގައެވެ. ދުނިޔޭގެ 18 ޤައުމެއްގައި 45 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުންދާ މިފަދަ ބޮޑު ކުންފުންޏަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ ބައިނަލްއަޤްވާމީ އެހެން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމެކެވެ.
ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޤްތިސާދު އައު ހަރުފަތަކަށް އުފުލައިދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ހުޅުވައިދޭނެ އިންޤިލާބީ މަޝްރޫޢެކެވެ. ދައުލަތް ދަރުވާނުލައި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ މޮޑެލްއަކަށް ބިނާކޮށްފައިވާ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޤައުމީ ފުދުންތެރިކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ޤައުމުގެ އިޤްތިސާދީ މިނިވަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ދުނިޔޭގެ އިޤްތިސާދަށް އަންނަ ލޮޅުންތަކާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ކަރަންޓާއި ފެނާއި ތެލުގެ ސަބްސިޑީ ދިނުމަށް ދައުލަތުގެ ޓްރެޜަރީން ކުރަންޖެހޭ ޚަރަދުތައް ފޫބެއްދެން އޮތީ ވެސް މިފަދަ ވަރުގަދަ އިޤްތިސާދީ އިންޖީނުތައް ޤައުމުގައި ހިންގައިގެންނެވެ. ހަމައެކަނި ފަތުރުވެރިކަމުގެ ޢާންމު ޓެކުހަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، ސިނާއަތްތައް ސިންދަފާތުކޮށް، ދުނިޔޭގެ ފެންވަރުގެ ޒަމާނީ ސިޓީއެއް ބިނާކުރުމަކީ އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.
އެހެންކަމުން، މި ބިޔަ މަޝްރޫޢަކީ ހަމައެކަނި އިމާރާތްތަކަކާއި ބިނާތަކެއް އުސްކޮށްލުން އެކަންޏެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްލަ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ދެގުނަ، ތިންގުނައަށް އިތުރުކޮށް، ޤައުމުގެ އިޤްތިސާދީ އޮނިގަނޑު މުޅިން އައު މިސްރާބަކަށް އަނބުރާލާނެ ބިންގަލެކެވެ. ދެފުށް ފެންނަ، ހަރުދަނާ އުސޫލުތަކުގެ މަތިން މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގޮސް ނިމިގެންދާއިރު، ރަސްމާލެ ވެގެންދާނީ ދިވެހިންގެ ފަންވަރާއި ޤާބިލުކަން ދުނިޔެއަށް ސާބިތުކޮށްދޭނެ، ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭނެ އެންމެ ފުރިހަމަ، ޒަމާނީ އަދި ހިތްގައިމު "އިކޯ-ސިޓީ" އަށެވެ.