ފާއިތުވެދިޔަ ދެ އަހަރު ދުވަހު ދީނީ ޖަމްޢިއްޔާތަކަށް 1.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފާއިތުވެދިޔަ ދެ އަހަރު ދުވަހު ދީނީ ޖަމްޢިއްޔާތަކަށް 1.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ: ވަޒީރު

އިސްލާމީ ދަޢުވަތު ފެތުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފެށުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދީނީ ދަޢުވަތު ފެތުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޖަމްޢިއްޔާތަކަށް ފޯރުކޮށްދެވުނު މާލީ އެހީތެރިކަމުގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ވަރަށް ހިންގުންތެރިކަމާއެކު މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމުކޮށްދިނުމަށްޓަކައި ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ދީނީ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި، މުޅި ރާއްޖޭގައި އިސްލާމީ ދަޢުވަތު ފެތުރޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އަދި އެންމެންވެސް އަނެކަކު ފުރިހަމަކޮށްދޭ ބަޔަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި މަޢުޟޫއަށް އަލިއަޅުވާލައިގެން ކުރިއަށްގެންދާ މިއަހަރުގެ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން