އަނބިމީހާގެ މަސައްކަތް މާލުއިކަމުގެ ޝަކުވާކުރި ފިރިއަކަށް އަނބިމީހާ ކުރާމަސައްކަތް ކުރެވުނީ 2 ދުވަހު! ޖެހުނީ އަމާންދީ މާފަށް އެދެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަނބިމީހާގެ މަސައްކަތް މާލުއިކަމުގެ ޝަކުވާކުރި ފިރިއަކަށް އަނބިމީހާ ކުރާމަސައްކަތް ކުރެވުނީ 2 ދުވަހު! ޖެހުނީ އަމާންދީ މާފަށް އެދެން!

އެއީ މާތަނަވަސް ދެމަފިރިންނެއް ނޫނެވެ. އެކަމަކު ދެމަފިރިންގެ މަސައްކަތުން އެއްކުރި ފައިސާއިން ކުޑަފިހާރައެއް ހިންގައެވެ. ގޭތެރޭގެ މަސައްކަތާއި ދަރިން ބެލެހެއްޓުމުގެ މަސައްކަތްކުރަނީ އަނބިމީހާއެވެ. ފިހާރަ ހިންގަނީ ފިރިމީހާއެވެ.  

ދެމަފިރިންގެ މެދުގައި މާބޮޑެތި މައްސަލަތަކެއް ނޯވެއެވެ. ނަމަވެސް އަބަދުވެސް ފިރިމީހާގެ ޝަކުވާއަކަށްވެފައި އޮންނަނީ އަނބިމީހާއަށްވުރެ އޭނާގެ މަސައްކަތް މާބުރަކަމެވެ. އެޝަކުވާތަކަށް ކެތްނުކުރެވިގެން އަނބިމީހާ ހުށަހެޅީ ދެމީހުން ހަމަހަމަކޮށްލުމަށެވެ. އެއްދުވަހު ފަތިހުން ފެށިގެން ފިރިމީހާ ގޭގައި ހުރެ ކަންކަން ކުރުމަށެވެ. އެދުވަހު އަނބިމީހާ ފިހާރައަށްދިއުމަށެވެ. އަނެއް ދުވަހު އަނބިމީހާ ގޭގައި ހުރުމަށާއި ފިރިމީހާ ފިހާރައަށް ދިއުމަށެވެ.  

އެގޮތަށް އެއްބަސްވެ ފިރިމީހާ 2 ދުވަހު ގޭގައި މަޑުކުރުމަށްފަހު އަނބިމީހާގެ މާފަށްއެދި އާދޭސްކޮށްފައި ބުންޏެވެ. "ދެން ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. ގޭގައި ހުންނަން ނުޖައްސުވާށެވެ. މިދެދުވަހު އަހުރެން މުޅިން އަވަދިވެއްޖެއެވެ." އަނބިމީހާ ހިނިތުންވަމުން ފިރިމީހާގެ ހުށަހެޅުން ޤަބޫލުކުރިއެވެ.  

ވަރަށް ކުރު ގޮތަކަށް މިކިޔައިދިނީ ވަރަށް ގިނަ ވާހަކައެވެ. ދިރިއުޅުމުގައި ލިބިގަތުން ވަރަށް މުހިންމު ފިލާވަޅެކެވެ. ދެމީހުންވެސް ކުރަނީ މަސައްކަތެވެ. އަނެކާގެ މަސައްކަތް މާލުއިކަމަށް ނުވިސްނާށެވެ. ޚާއްޞަކޮށް އަނބިންނަށް އެފަދަ ބަހެއް ނުބުނާށެވެ! އަނބިން ދަރިން ބަލަމުން ގޭގައި އެކުރާ މަސައްކަތަކީ މަދު ފިރިހެނަކަށް ނޫނީ ކުރެވޭނެ މަސައްކަތެއް ނޫނެވެ.  

ދެމަފިރިންގެ ދިރިއުޅުން ކާމިޔާބުވެ އުފަލުގައި އުޅެވޭނީ ދެމީހުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށްގެންނެވެ. އެންމެ ކާމިޔާބު ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން