ލިބޭ މިންވަރަކުން ޢާއިލާއަށް ޚަރަދުކޮށް، އަނބިދަރިންނަށް ކާންބޯންދޭން މަސައްކަތްކުރާނަމަ ތިބާއަށް ތަނަވަސްކަން އިތުރުކުރައްވަވާނެ! އެއީ ހަމަ ކުރެވޭ ޞަދަޤާތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ލިބޭ މިންވަރަކުން ޢާއިލާއަށް ޚަރަދުކޮށް، އަނބިދަރިންނަށް ކާންބޯންދޭން މަސައްކަތްކުރާނަމަ ތިބާއަށް ތަނަވަސްކަން އިތުރުކުރައްވަވާނެ! އެއީ ހަމަ ކުރެވޭ ޞަދަޤާތް!

ކުރީރޭގެ ދަރުސްގައިވެސް ބުނެދިން ފަދައިން ޞަދަޤާތް ދިނުން އޮތީ ގާތުން ދުރަށެވެ. އަދި ޞަދަޤާތަކީ ހަމައެކަނި އަތަށްދޭ ތަކެއްޗެއް ނޫނެވެ. އަނބިދަރިންވެސް ހިމެނޭހެން އެމީހަކު ކާންބޯންދޭންޖެހޭ މީހުންނަށް ކާންބޯންދިނުމަކީވެސް ޞަދަޤާތެވެ. ސުންނަތުގައި އޮތީ އެމީހަކަށް ލިބޭ މިންވަރަކުން ޞަދަޤާތްދީ ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމެވެ.  

އަޖުމަ ބަލައިލަން ނަމަވެސް އިސްރާފް ކުރުމާއި ލިބޭ އާމްދަނީން ޢާއިލާގެ ބޭނުންތައް ފުއްދައި ނުދީ އެހެން ޚަރަދުތައް ކުރުން ނިކަން ހުއްޓައިލަބަލާށެވެ! ހުއްޓައިލުމަށްފަހު ރިޒްޤް ތަނަވަސްކޮށް ދެއްވެވުން އެދި ދުޢާކުރުން ގިނަކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ 

ރަސޫލް (ﷺ) ސަޢްދު ބިން ވައްޤާސްއަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކަލޭގެފާނު ހަމަކަށަވަރުން ﷲ ވަޖްހަފުޅަށްޓަކައި އެއްވެސް ހޭދައެއް ކުރައްވާނަމަ އެއިގެ ދަރުމަ ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ! އަދި ކަލޭގެފާނު ކަލޭގެފާނުގެ އަނބިކަނބަލުންގެ އަނގައަށް ލައި ދެއްވާ ސުވަލަށްވެސްމެއެވެ!" (ޞަހީޙް ބުޚާރީ: 1295) 

ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޙަދީޘްފުޅުގައި މިފަދައިން (އަނބިމީހާގެ) އޮތުމުން އެއިގެ މާނައިގައި އެމީހަކު ކާންބޯންދޭންޖެހޭ އެންމެން ހިމެނެއެވެ. ދަރިންނާއި މައިންބަފައިންވެސް ހިމެނެއެވެ. 

ދެމަފިރިން ލޯބިން އެކަކު އަނެކަކުގެ އަނގައަށް ލަވައި ކާންދިނުން ފަދަ ކަންކަން ކުރުމަކީ އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވާ ކަމެއްކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިޙަދީޘްފުޅުގައި އެކަން އެވަނީ އެ މާނައިގައެއް ނޫނެވެ. އަނބިމީހާއަށް ހޯދައިދޭ ކާއެތިކޮޅަށް ވެސް ﷲ ތަޢާލާ ޘަވާބާއި ދަރުމަ ދެއްވަވާނެ ވާހަކައެވެ!   

ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް އާމްދަނީ ނުލިބޭއިރުވެސް ލިބޭ މަދުފައިސާކޮޅުން ޢާއިލާއަށް ޚަރަދު ނުކޮށް ބޭކާރު ޚަރަދުތައް އެބަކުރެއެވެ! ރައްޓެހި ރަޙްމަތްތެރިންނާއިއެކު ކައިބޮއި ހެދުމަށާއި ދުންފަތުގެ އިސްތިޢްމާލުކުރުން ފަދަ ކަންކަމަށް ވެސް އެބަ ޚަރަދުކުރެއެވެ!

(ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ވާހަކަދައްކަން ޖެހެއެވެ. ސިގިރޭޓް ބޯ ގިނަ މީހުން މަދުވެގެން ދުވާލަކު ފޮށްޓެއް ނުވަތަ އެއަށްވުރެވެސް ގިނައިން ހުސްކުރެއެވެ. ކޮންމެ ފޮށްޓަކީ އާދައިގެ އަގުން ބެލިނަމަވެސް މަދުވެގެން 100 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަގެކެވެ. ވީމާ މަހަކަށް އާންމުގޮތެއްގައި 3000 ރުފިޔާ އާއި 4000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކަށް ޚަރަދުކުރާތީއެވެ. މިއީ ޢާންމުކޮށް ލިބޭ މުސާރައަށް ބަލާއިރު މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އަނބިދަރިންނަށް އެކަށީގެންވާ ފެންވަރުގައި ކާން ނުދެވުނަސް ދުންފަތުގެ އިސްތިޢުމާލުކުރަން ޚަރަދުކުރެއެވެ. )   

މިހިރީ ވަރަށް ހިތާމަހުރި ކަންކަމެވެ! އަނބިދަރިން ބެލެހެއްޓުމަކީ އެމީހެއްގެ މައްޗަށް އޮތް ދީނީ ވަރަށް ބޮޑު ވާޖިބެކެވެ. އަދި އެކަން ލައްވަވާފައި އެވަނީ އެކަމުން އެމީހަކަށް ހެޔޮ ދަރުމަ ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. މަތިވެރި ޘަވާބު ދެއްވަވާ ޞަދަޤާތެއްގެ ގޮތުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން