ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން (އޭޖީ އޮފީސް) މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ކަމާބެހޭ ކޯޓުތަކުގެ އިތުރުން ދައުލަތުގެ ވަކީލުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު މުރާޖަޢާކުރުމާއި، މަދަނީ ޢަދުލުގެ ނިޒާމު އިޞްލާޙުކުރުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކުރުމެވެ.
މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ގެނައުން މުހިންމު އިޞްލާޙުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ބައިވެރިވި އެކި ފަރާތްތަކުގެ މުހިންމު ހުށަހެޅުންތައް ވަނީ ޙިއްޞާކުރައްވާފައެވެ.