އެއީވެސް ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. އޮނަންނަނީ ހަމައެކަނި އެންމެ މައްސަލައެކެވެ. އެއީ ދަރިއަކު ނުލިބޭ ކަމެވެ. ކައިވެންޏަށް 5 ވަނަ އަހަރު ފިރިމީހާ ސިއްރުން ދެވަނަ ކައިވެނި ކުރުމަށްފަހު އަނބިމީހާ ގެއަށް ގެނައެވެ. އެހިސާބުން ދޮށީ އަނބިމީހާ ހެދީ ގޭގެ ބޮޑުނޯކަރަށެވެ. އެކަންކަމަށް ކެތްތެރިނުވެވިގެން އަނބިމީހާ އަމިއްލައަށް އެދިގެން ވަރިވެ ގެއިން ނުކުމެގެން ދިއައީއެވެ.
އެއިގެ 5 އަހަރު ފަހެވެ. (ކުރީގެ) ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ އަހަރީރެއެވެ. އެއަށްވުރެ ބޮޑު ކަމެއް އެރޭ އޮންނާތީ ހުރިހާ މުވައްޒިފުންވެސް ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެއީ ވެރިމީހާ އޭނާގެ އަނބިމީހާ އާއި ދެދަރިން އެރޭ ގެންނާތީއެވެ. އެހައި ޚާއްޞަވީ އެއީ ވެރިމީހާގެ އަނބިމީހާ އޮފީހުގެ މުވައްޒިފުންނަށް ފެންނަ ފުރަތަމަ ފަހަރުކަމަށްވާތީއެވެ.
ހަފްލާ ފެށިގެން ކުރިއަށްދަނިކޮށް (ކުރީގެ) ފިރިމީހާ އައިސް ވެރިމީހާގެ މޭޒުކައިރީގައި ހުއްޓި މަރުޙަބާ ކިޔައި ވެރިމީހާގެ އަނބިމީހާއަށް ބަލައިލުމުން އެނގުނީ އެއީ އޭނާގެ ފުރަތަމަ އަނބިމީހާ ކަމެވެ. ލިބުނު ސިޙުމާއިއެކު 2 ކުދދިންނަކީ އޭނާ ވިހެއި 2 ކުދިންތޯ ސުވާލުކުރުމުން ވެރިމީހާ ބުނީ އެއީ އޭނާގެ އަނބިމީހާ ވިހެއި ދެކުދިންކަމަށެވެ.
ލިބުނު ޙައިރާންކަމުގައިހުރެ އަނބިމީހާގެ ކިބައިން މާފަށް އެދި ދެވަނަ އަނބިމީހާ އޭނާއަށް ކަންކަން ކުރިގޮތުގައި ކިޔައިދޭން ފެށުމުން އަނބިމީހާ ބުނީ ތިއަދައްކަނީ މިރޭގެ ހަފްލާއާއި ގުޅުންހުރި ވާހަކަތަކެއް ނޫންކަމަށެވެ. އެހެން ބުނާއިރަށް ވެރިމީހާ ބުނީ އެހެން މުވައްޒިފުންނަށްވެސް ފުރުޞަތުދީފައި އިހަށް ދުރަށް ދިއުމަށެވެ.
އޭނާ ގެއަށްގޮސް ވިސްނައިލިއެވެ. އަނބިމީހާއާއިމެދު އޭނާއަށް ކަންކަން ކުރެވުނު އިހާނެތިގޮތާއިމެދުގައެވެ. މިހާރު އޭނާއަށް ލިބިފައިވާ ބޮޑު އުފާވެރިކަމާއިމެދުގައެވެ. އެންމެ ދެރަވީ ވަޒިފާއިން ވަކިކޮށްފާނެތީއެވެ.
މިފަދަ ޙާދިސާތަކުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދަރިން ނުލިބިގެން ދެމަފިރިން ވަކިވިނަމަވެސް އަނެކާގެ ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ނުކުރުމެވެ. ދެރަކޮށް ނިކަމެތިކޮށްނުލުމެވެ. އަނެކާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހަކަށްވެދާނެކަމެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް