ތިބާގެ މޫނު ދުނިޔޭގައިވެސް އަލިވުމުގެ އިތުރަށް ޤިޔާމަތް ދުވަހު މޫނާ ގުނަވަންތައް އުޖާލާވުން އެދިގެން ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތިބާގެ މޫނު ދުނިޔޭގައިވެސް އަލިވުމުގެ އިތުރަށް ޤިޔާމަތް ދުވަހު މޫނާ ގުނަވަންތައް އުޖާލާވުން އެދިގެން ކުރަން އޮތް ޢަމަލު-

ޥުޟޫކުރުމާއި ނަމާދުކުރުމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. އެހެނީ ނަމާދު ކުރެވެން އޮތީ ވުޟޫކޮށްގެންނެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރަން އާދަކުރާށެވެ! އެއަށްފަހު ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރާށެވެ. އެދެކަންތައް ތިބާ ފުރިހަމަކޮށްފިނަމަ ތިބާގެ މޫނާއި ވުޟޫގެ ގުނަވަންތައް ޤިޔާމަތް ދުވަހުގައި ހުންނާނީ އަލިގަދަ ނޫރުތަކެއްފަދައިންނެވެ. ދިއްލި އުޖާލާވެފައެވެ.  

ތިބާ ނަމާދުކުރާނަމަ ތިބާގެ މޫނުމަތިންނާއި ތިބާގެ އަމަލުތަކުން އެ ނޫރުގެ އަސަރު ދުނިޔަވީ ޙަޔާތުގައިވެސް ފެނިގެންދެއެވެ. އޭނާގެ މޫނު މައްޗަށް އަންނަ އަލިކަމާ އުޖާލާކަމުގެ އިތުރަށް އޭނާގެ މުޢާމަލާތާ ހިތްހެޔޮކަމާއި ހިތް ސާފުކަމަކީ އެމީހާއަށް ލިބިގެންދާ މިނޫރުގެ އަސަރެވެ. ނަމާދު ﷲ ތަޢާލާ ލައްވަވާފައިވަނީ ނަމާދުކުރާ މީހާއަށް ނޫރެއް ކަމުގައެވެ. އަދި އެނޫރުގެ އަސަރު އެމީހާއަށް ދުނިޔެއާ އާޚިރަތުގައި ފެނިގެންދާނެއެވެ.  

"މުޙައްމަދުގެފާނީ، ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަހްމަތްތެރިބައެކެވެ. ﷲ ގެ ޙަޟްރަތުން ފަޟްލްވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢްކޮށް ސަޖިދަ ކޮށް އުޅޭ ބައަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް  އެއުރެންގެ މޫނުތަކުގައިވެއެވެ....."(އަލްފަތްޙް: 29) 

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "މިސްކިތްތަކަށް އަނދިރި ވަގުތުތަކުގައި ހިނގައި އުޅޭ މީހުންނަށް އުފާވެރިކަމުގެ ޚަބަރުދޭށެވެ! އެބައި މީހުންނަށް ޤިޔާމަތް ދުވަހުން ފުރިހަމަވެގެންވާ ނޫރެއް ދެއްވެވޭނެތެވެ! އެ ނޫރުގެ ސަބަބުން އަލިވެ އުޖާލާވެގެންވާނެތެވެ!"

"ތިމަން ކަލޭގެފާނަށް ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން އެނގިފައުޅުވެގެންވާނެތެވެ." މިފަދައިން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވުމުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށްފަހު އެތައް ޒަމާނެއްގެ ފަހުން އަންނަ ބައަކު ދެނެވަޑައިގަންނަވާނީ ކިހިނަކުން ކަމާއިމެދު ޞަޙާބީން ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ "އަނދިރިކަމުގެ ތެރެއިން ހުދުކަމާ އަލިކަމުގެ އަސް ވަކިކުރަން އެނގޭ ފަދައިން މީސްތަކުންގެ ތެރެއިން ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުން ސަޖިދައިގެ ސަބަބުން އެބައިމީހުންގެ މޫނުތައް އަލިވެ އަދި ވުޟޫގެ ސަބަބުން އެބައިމީހުންގެ އަތްފައި އަލިވެ އިޖާލާވެގެންވާނެތެވެ!"  

ވީމާ ނަމާދުގެ މި ނޫރު ލިބިގަތުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހެއެވެ!

 

- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން

 

ގުޅުންހުރި ވީޑިއޯ:

 

 

 

 

މިއަދު އޮންލައިން