ނަމާދުގަ މިކަންކަމަށް ސަމާލުކަންދޭށެވެ! ތިމާކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުން އެދިގެން މިކަންކަމަށް ފަރުވާތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ނަމާދުގަ މިކަންކަމަށް ސަމާލުކަންދޭށެވެ! ތިމާކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުން އެދިގެން މިކަންކަމަށް ފަރުވާތެރިވާށެވެ!

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ކުރާ ނަމާދު ނަމާދަކަށްވާނީ ތިމާގެ ހިތާއި ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުވާލައިގެން ނަމާދުކުރުމުންނެވެ. ނަމަވެސް މިފެންނަނީ ޙަރަކާތްތަކެއް ކުރާ ތަނެވެ. ޢަމަލުތައް ހުންނަގޮތުން ބެލެވެނީ ހިތާއި އެއްވެސް ގުޅުމެއް ނެތި ކުރެވޭ ޙަރަކާތްތަކެއްގެ ގޮތުގައެވެ. އެހެންކަމަށްވާނަމަ އެކުރެވެނީ ނަމާދެއް ނޫނެވެ.

ބައެއް މީހުން ނަމާދަށް ތިބޭއިރުވެސް ތިބެނީ އަނގުރު އަލިފާން ގަނޑެއްގެ މަތީގައި ތިބޭ ފަދައިންނެވެ. ނިމޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަވަހަށް ނިމުމުގެ އިންތިޒާރުގައެވެ. ނަމަވެސް މިއީ ސަލަފުން ނަމާދުކުރަން ދަސްކޮށްދެއްވެވި ގޮތެއް ނޫނެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހޭނީ އެ ނަމާދަށްފަހު ދެން އެހެން ނަމާދެއް ކުރަން ނުލިބިދާނެ ކަމަށް ބަލައި ވީހައި ރީތިކޮށެވެ.  

ރަސޫލް (ﷺ) ނަމާދަށް ފަށްޓަވަމުން "ނަމާދަށްފަހު ނަމާދާއި އަލްވިދާޢު ކިޔާފައިދާ މީހެއް ފަދައިން ނަމާދުކުރުމަށް ޙަދީޘްފުޅު ކުރައްވަވައެވެ. (މާނައަކީ ކޮންމެ ނަމާދެއްވެސް ކުރަންވީ މިއީ މިއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ހިތުގައި ބާއްވައިގެން ވީހާބޮޑަށް ފަރުވާތެރިކަމާއިއެކުގައެވެ.)  

ދެން ކޮށްލަން އޮތް ސުވާލަކީ ޢުމުރުން މިހައިތަނަށް އައިއިރު އެންމެ ނަމާދެއްވެސް އެގޮތަށް ކުރެވިއްޖެހެއްޔެވެ؟ ނުކުރެވޭނަމަ އަހުރެމެންނަށް މިކުރެވެނީ ނަމާދު ހެއްޔެވެ؟ ނަމާދުކުރުމުގެ ނަމުގައި ޙަރަކާތްތަކެއް ކުރެވެނީ ނޫންހެއްޔެވެ؟  

ވީމާ ނަމާދު ނިމޭއިރަށް ފުންމައިގެން ތެދުވެ މިސްކިތުން ނުކުމެގެންދާ މީހަކަށް ނުވާށެވެ! ޤިޔާމަތް ދުވަހު އަޅުގަނޑުމެންގެ އަތުގައި އޮންނާނެ ރައުސްމާލަކީ ނަމާދެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައެވެ. އެހެން އަޅުކަންތައް ޤަބޫލު ކުރެއްވެވުން އޮތީ އެއަށްފަހުގައެވެ.  

ކުރާ ނަމާދު ނަމާދަކަށް ވާނީ ރަސޫލް (ﷺ) ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. "އެމީހެއްގެ އަތުގައި އޮތް ރޮނޑެއްގެ ހަން ދަމާނީ އެމީހަކު ބޭނުންވާ ކޮޅަކަށް"ް ކަމަށް ބުނެ ކަންކަން ކުރާ ފަދައިން ނަމާދުކޮށްގެން ނަމާދު ނަމާދަކަށް ނުވާނެއެވެ.

ނަމާދުގައި އަތް އުފުލަން ޖެހޭ މަޤާމްތަކެއް ވެއެވެ. އެ މަޤާމްތަކުގައި އަތް އުފުލަންވީ ގޮތް ރަސޫލް (ﷺ) ވަނީ ދަސްފުޅުކޮށް ދެއްވަވައިފައެވެ. ބައެއް މަޒްހަބްތަކުގައި އަތް ނުއުފުލައިވެސް ނަމާދުކުރެއެވެ. ނަމަވެސް ޙަދީޘްގެ ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެކަމަށް އެމީހުން ދައްކާ އެއްވެސް ދަލީލެއް ޞައްޙައެއް ނޫނެވެ. ވީމާ ޖެހޭނީ އަތްއުފުލާށެވެ!

އިމާމް ބުޚާރީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ ރަސޫލް (ﷺ) އަތްޕުޅު ނުއުފުއްލަވާ އެއްވެސް މަޤާމެއްވާކަން އެއްވެސް ދަލީލަކުން ސާބިތުނުވާ ކަމަށެވެ.  

ފަތިސް ނަމާދާއި ހުކުރު ނަމާދުގައި ރަސޫލް (ﷺ) ވަނީ ވަކި ސޫރަތްތަކެއް ވިދާޅުވެފައެވެ. އެ ސޫރަތްތައް ކިޔެވުމަކީ ކޮންމެހެން ވާޖިބު ކަމެއް ނޫން ނަމަވެސް ރަސޫލް (ﷺ)ގެ އެ ސުންނަތް ދިރުވުމަކީ ކުރަން ޖެހޭ ކަމެކެވެ. ވީމާ އެ ސޫރަތްތައް ދިގުވެގެން ޝަކުވާ ނުކުރާށެވެ! އެ ސުންނަތާއި އެއްގޮތަށް ނަމާދުކޮށްދޭ ބައަކު ތިބިނަމަ އެއީ ޝުކުރުވެރިވާންޖެހޭ ކަމެކެވެ.  

ވީމާ މިކުރާ އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

 

މިއަދު އޮންލައިން