ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބޭވަފާތެރިވުމުން ވީދެރައިން ޢުމުރަށް ލޯބިވެރިޔާ ފެންނަ ހިސާބުގައި އުޅެންބޭނުންވާތީ ލޯބިވެރިޔާގެ ބައްޕައާ ކައިވެނިކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާ ބޭވަފާތެރިވުމުން ވީދެރައިން ޢުމުރަށް ލޯބިވެރިޔާ ފެންނަ ހިސާބުގައި އުޅެންބޭނުންވާތީ ލޯބިވެރިޔާގެ ބައްޕައާ ކައިވެނިކުރި އަންހެނެއްގެ ވާހަކަ-

އެއީ ކޮލެޖުގައި ކިޔަވަމުންދިއަ ޒުވާން ދެކުދިންނެވެ. ދެކުދިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ކޮލެޖު ނިމުމުން ކައިވެރިކުރާނެ ކަމޔގެ ވަޢުދުތަކާއިއެކުގައެވެ. ނަމަވެސް ފަހު އަހަރު ފިރިހެން ކުއްޖާ ލޯބިވެރިޔާގެ އެންމެ ގާތް އެކުވެރިޔާއާއި ލޯބީގެ ގޮތުން ގުޅި ގުޅުންތަކެއް ހިންގަމުންދާކަން އެނގުމުން އަންހެންކުއްޖާ ވިސްނީ އޭނާއަށް ދެރައެއް ދެވޭނެ ގޮތަކަށެވެ.  

ނަމަވެސް އެކަމަށް އޭނާގެ ހިތެއް ނުރުހުނެވެ. ހިތް އެދުނީ އަބަދުވެސް ލޯބިވެރިޔާ ފެންނާނެ ހިސާބެއްގައި ހުރުމަށެވެ. ކޮންމެވެސް ގޮތަކުން ލޯބިވެރިޔާއަށް އޭނާގެ އެހީތެރިކަން ލިބޭނެ ގޮތަކަށް ކަންކަން ކުރާށެވެ.  

ކޮލެޖު ނިމުނުތަނުން ޒުވާނާގެ ބައްޕަ މަތީ ތަޢުލީމަށް ޒުވާނާ ބޭރުޤައުމުކަށް ފޮނުވުމުން އަންހެންކުއްޖާ، ޒުވާނާގެ ބައްޕަގެ އޮފީހުން ވަޒީފާއެއް ހޯދިއެވެ. ވަޒީފާގައި އުޅެމުން ބައްޕަގެ ހިތް ކާމިޔާބުކޮށް ކައިވެނިކުރީއެވެ.  

2 އަހަރުފަހުން ޒުވާނާ އެނބުރި އައިއިރު ކަންތައްވެފައި އޮތްގޮތް އެނގުމުން ވަރަށް ދެރަވިއެވެ. މިހާރު އެއީ ލޯބިވެރިޔާއެއް ނޫނެވެ. ދޮންމަންމައެވެ. އުޅެންޖެހިފައި މިވަނީ އެއްގެއެއްގައެވެ. ހުރިހާ ކަމެއް ކޮށްދެނީ ދޮންމަންމައެވެ. އެހެންކަމާއިއެކުވެސް ދޮންމަންމަ އެބާވަތުގެ އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ.  

ޒުވާނާއަށް ކެތްނުކުރެވިގެން އެވާހަކަ ދެއްކުމުން ހުރިހާ ކަމެއް ތެދަށް ކިޔައިދިނެވެ. ކައިވެނިކުރީ ފިރިމީހާގެ ތަނަވަސްކަމުގެ ބޭނުމުގައި ނޫންކަމަށާއި އަދި ލޯބިވެގެންވެސް ނޫންކަމަށް ބުންޏެވެ. އަދި އޮތް ހަމައެކަނި ބޭނުމަކީ ފުރަތަމަ ހިތްދެވުނު ލޯބިވެރިޔާ އަބަދުވެސް ލޮލަށް ފެނުން ކަމަށާއި އެލޯބިވެރިޔާއަށް ޚިދުމަތްކުރުން ކަމަށްވެސް ބުންޏެވެ.  

ޒުވާނާ ވަރަށް ދެރަވެ ކުރެވުނު ކުށަށް މާފަށް އެދުނެވެ. އަދި އޭނާ ދޫކޮށްލައި ގުޅެވުނީ ތެދުވެރިއަކާއި ނޫންކަން އެނގުމުން އޭނާއާއި ވަކިވެފައިވާކަމަށްވެސް ބުންޏެވެ. އަދި ކުރިއަށްވުރެ ބޮޑަށް މިހާރު ޢޭނާދެކެ ލޯބިވާކމަށްވެސް ބުންޏެވެ.

ނަމަވެސް އެލޯބިން ކުރާނެ ފައިދާއެއް ނެތެވެ. ދެމީހުންނަށް ކައިވެނިކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމާ ވީދެރައިން ޒުވާނާ ކައިވެނިނުކޮށް އެތައް ދުވަހަކު ހުރެފައި ކައިވެނިކުރީ ޢުމރުން 40 އަހަރުވެސް ވީފަހުންނެވެ. އޭނާވެސް ދެވަނަ ކައިވެނިކުރީ ފިރިމީހާ ނިޔާވުމުންނެވެ. ދެމީހުންނަށް ޙާޞިލްކުރެވުނީ އެންމެ ބޭނުމެކެވެ. އެއީ ޢުމުރަށް އެކަކު އަނެކަކު ފެނި އެއް ގެއެއްގައި އުޅެވުމެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުމެވެ. ނަމަވެސް ދެލޯބިވެރިންގެ ގޮތަކު ނޫނެވެ. ދޮންމަންމައާއި ދޮންދަރިފުޅުގެ ގޮތުގައެވެ.  

މިއީ އަޅުގަނޑަށް ފެނުނު ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. ބުނެލަން ބޭނުންވަނީ އަނެކާގެ ހިތް އަތުލުމަށްފަހު ބޭވަފާތެރިނުވާށެވެ. ތެދުވެރި ލޯބިވާ މީހާއަށް ލިބޭ ހިތާމައަށް ކެތްނުކުރެވިގެން ކޮންމެ ފަދަ ކަމެއްވެސް ކުރެވެނީ މަދަކުން ނޫނެވެ. އެއަންހެން ކުއްޖާއަށް ބަލައިފިނަމަ މިބުނިބަހުގެ ތެދުކަން އެނގޭނެއެވެ. އޭނާއެވީ ކޮންފަދަ ބޮޑު ޤުރްބާނީއެއް ހެއްޔެވެ؟

 

- ޝިމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން