ކައިވެންޏަށް 30 އަހަރުގަ ވަރިޥާން ކޯޓަށް ދިއުމުން ދެމީހުންވެސް ކުށްވެރިވާކަމަށް ފަނޑިޔާރު ނިންމި ނިންމުން- ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކައިވެންޏަށް 30 އަހަރުގަ ވަރިޥާން ކޯޓަށް ދިއުމުން ދެމީހުންވެސް ކުށްވެރިވާކަމަށް ފަނޑިޔާރު ނިންމި ނިންމުން- ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ފިލާވަޅެއް!

އެއީ ޢުމުރުން 50 އަށްވުރެ މަތިވެފައިވާ ދެމަފިރިންނެވެ. ކައިވެންޏަށް 30 އަހަރެވެ. 3 ދަރިން ތިއްބެވެ. ހަގު ދަރިފުޅާއި އޭނާގެ ފިރިމީހާ ދިރިއުޅެނީ ދުރު އަވަށެއްގައެވެ. ވިހަންވުމުން އެހީތެރިވާން އައިސްދިނުމަށް އެދުމުން މަންމަ ދިއައެވެ.  

ލިބުނީ އެއްމާބަނޑު ދެބެއިންކަމަށްވުމުން އެހީތެރިވެދޭން ހުރެފައި އެނބުރި އައީ އަހަރުވީފަހުންނެވެ. އެނބުރި އައިއިރު ފިރިމީހާ ހުރީ ނޯކަރު އަންހެން މީހާ އާއި ކައިވެނިކޮށްގެންނެވެ. ބަނޑަށް 3 މަހެވެ. 

އަނބިމީހާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އަވަސްވެގަތީ ވަރިވާން ކޯޓަށް ދިއުމަށެވެ.  

އަނބިމީހާ ބުނީ ފިރިމީހާ ކަންތައް ކުރިގޮތުން އެކުގައި ނުއުޅެވޭނެ ކަމަށެވެ. ބޭނުމީ ވަރިވާން ކަމަށެވެ. ފިރިމީހާގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ބުންޏެވެ. "ދެމީހުންވެސް ކުށްވެރިއެވެ. އަނބިމީހާގެ ކުށަކީ ފިރިމީހާއަށް ކެތް ނުކުރެވިގެން ތަކުރާރުކޮށް އެދުމުންވެސް ނައިސް އެހާގިނަދުވަސްކުރިކަމެވެ. ފިރިމީހާގެ ކުށަކީ ކެތްނުކުރެވޭވަރުވުމުން އަނބިމީހާގެ ގާތަށް ދެވެން އޮއްވައިވެސް އަނބިމީހާގެ ގާތަށް ދިއުމުގެ ބަދަލުގައި އެންމެ ފަސޭހަ ގޮތް އިޚްތިޔާރުކުރި ކަމެވެ.  

މިއަދު ގިނަ ކައިވެނިތަކެއް ރޫޅެމުން މިދަނީ ފަސޭހަ ގޮތް އިޚްތިޔާރުކުރާތީއެވެ. 30 އަަހރުވެފައިވާ ކައިވެންޏެއް މިބާވަތުގެ ކަމަކުން ރޫޅާލަންޖެހޭތީ ދެރަވަމެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ އެނޫން ގޮތެއް ބޭނުންނުވާތީ ވަކިން ބޮޑަށް ދެރަވަމެވެ. އަހުރެންގެ ނިންމުމަކީ މިއަދު ގޮތެއް ނުނިންމުމެވެ. ދެމީހުން މިއަދު އެނބުރިގެއަށްދާށެވެ. ދެމީހުންނަށްވެސް ކުރެވުނު ކުށް ޤަބޫލުކޮށް މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ. ޙައްލުނުކުރެވުނު ނަމަ 90 ދުވަސްފަހުން އެނބުރި އަންނާށެވެ. އެނބުރި ނައިނަމަ ބަލާނީ މައްސަލަ ޙައްލުވީ ކަމަށެވެ. މިއަދަށް ޝަރީޢަތުގެ މަޖިލިސް ނިމުނީއެވެ."  

މިޙާދިސާއަކީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. ފަނޑިޔާރު އެބުނީ ވަރަށް ރަނގަޅު ވާހަކަތަކެކެވެ. ދަރިންނަށް އެހީތެރިޥާންވެސް ފިރިމީހާގެ ޙައްޤުތަކަށް އިހްމާލުވެގެން ނުވާނެއެވެ. ހަމައެގޮތަށް ތިމާއަށް ކެތްތެރި ނުވެވޭނަމަ ފިރިމިހާޢަށްވެސް އޮތީ އަނބިމީހާއަށް ބޭވަފާތެރިވުމެއް ނޫނެވެ. އަނބިމީހާ ހުރީ ފިރިމީހާއަށް ގޮސް ވަދެވޭނެ ގެއެއްގައެވެ. އެހެންކަމަށްވާއިރު ދުވަސްކޮޅަކަށް ނަމަވެސް އަނބިމީހާގެ ގާތަށް ގޮސްލިނަމަ މައްސަލަ އޮންނާނީ ޙައްލުވެފައެވެ.  

ޒުވާނުންވެސް އަދި ޢުމުރުން ދުވަސްވީ މީހުންވެސް މިއީ އަގުހުރި ފިލާވަޅެކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން