އެއީވެސް އެއީވެސް ވަރަށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ލިބުނީ އެންމެ ދަރިފުޅެކެވެ. އެއީ ފިރިހެން ދަރިފުޅެކެވެ. ދަރިފުޅުގެ ޢުމުރުން 19 އަހަރުގައި ޖެހުނު ހުމެއްގައި މަންމަ ނިޔާވީއެވެ. ދެބަފައިން އެކަނި އަހަރެއްހައި ދުވަހު އެކުގައި އުޅެފައި ބައްޕަ ދެވަނަ ކައިވެނިކުރިއެވެ. ޢުމުރުން 17 އަހަރުގެ އަންހެން ދަރިއަކު ހުރި އަންހެނަކާއެވެ.
ފިރިމީހާއަކީ ތަނަވަސް މީހަކަށްވުމުން އަނބިމީހާ ރާވަމުން ގެންދިއައީ އެތަނަވަސްކަމަށް އަތްގަދަކުރެވޭނެ ގޮތަކަށެވެ. އެހެންވެ ދަރިފުޅު ހައްލުވައިގެން މަސައްކަތްކުރަމުން ދިއައީ ފިރިމީހާގެ ދަރިފުޅާއި ގުޅުވުމަށެވެ. ނަމަވެސް އޭނާ އެކަމަށް ފުރުޞަތެއް ނުދިނެވެ. ބުނަމުން އައީ އަދި ކައިވެނިކުރަން ބޭނުން ނޫންކަމަށާއި ކައިވެނިކުރަންވުމުން ނޫނީ ލޯބިވެރިއަކު ބޭނުން ނޫން ކަމަށެވެ.
ދެން ދެމައިންވެގެން މަސައްކަތްފެށީ އޭނާގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި ގެއިން ނެރެލުމަށެވެ. ކަންކަން ވަރަށް ރަނގަޅަށް ރާވާފައި ފިރިމީހާގެ ގާތުގައި ބުނީ އޭނާގެ ދަރިފުޅު އެރޮނީ ފިރިމީހާގެ ދަރިފުޅު އޭނާ އާއި ގަދަކަމުން ބެހެން އުޅެގެން ކަމަށެވެ. އެހެންވީމާ ގެއިން ނެރެ މާމަގެ ގާތަށް ފޮނުވައިނުލާނަމަ ކުޑަކުއްޖަކަށް ޖިންސީގޯނާކުރަން އުޅުނު މައްސަލައިގައި ޖަލަށް ލައްވުވާނެ ކަމަށެވެ.
ދަރިފުޅު ބައްޕަގެ ގާތުން އެދުނީ އެންމެ ކަމަށެވެ. އެއީ އިރުކޮޅަކު ގޭގެ ޓީވީއަށް ބަލައިލަދިނުމަށެވެ. އެކަމަށް އެދިފައި އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. ޓީވީ މެދުވެރިކޮށް ވީޑިއޯތައް ދައްކަން ފެށިއެވެ. ވީޑިއޯތަކުން ފެނުނީ ދޮންމަންމަގެ ދަރިފުޅު އޭނާ އާއި ބެހެން އެކިފަހަރުމަތިން ކުރި ކަންކަމެވެ. އެކަންކަމަށް އޭނާ ދެކޮޅު ހެދިކަމެވެ.
އެކަށީގެންވާވަރަށް ހެކިލިބުމުން ފިރިމީހާ ސުވާލުކުރިއެވެ. "އަހުރެންގެ ދަރިފުޅުގެ ބޮލުގައި ތިއަވަރުގެ ބޮޑު އިލްޒާމެއް އަޅުވައި ގެއިން ނެރަލަން މަސައްކަތް ތިއަކުރީ ކަލޭގެ ދަރިފުޅާއި ގުޅުވަން ކުރި މަސައްކަތް ކާމިޔާބު ނުވީމާ ހެއްޔެވެ؟ އަހުރެންނާއި އޭނާގެ މަންމަ ދަރިފުޅު ތަރުބިއްޔަތުކޮށްފައި އެހުރީ ތިއަބާވަތުގެ ދަންތުރަތަކުގައި ޖެއްސުވޭނެ ގޮތަކަށް ނޫނެވެ. އެހެންވީމާ ދެން ރަނގަޅުވާނީ ދެމައިން މިގެއިން ދިއުމެވެ. ވަރިކޮށްފީމެވެ. އަވަހަށް ނުކުމެގެންދާށެވެ. ޢިއްދައިގެ ޚަރަދުވެސް ހިފައިގެންދާށެވެ."
އިތުރު ވާހަކައެއް ދެއްކުމުގެ ފުރުޞަތުވެސް ނުދީ ދެމައިން ވަޤުތުން ގެއިން ބޭރުކޮށް ފޮނުވައިލީއެވެ.
އަޅުގަނޑު އެދެނީ މިބާވަތުގެ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރުމެވެ. ހެޔޮލަފާ ތަނަވަސް ފިރިއަކު ލިބިއްޖެނަމަ ޝުކުރުވެރިވެ ވަފާތެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމަށެވެ. ތިމާއަށް ޙައްޤުނުވާ މިންވަރަށް ލިބިގަންނަން އުޅޭނަމަ ލިބޭނީ މިފަދަ ދެރައެވެ. ދެރަވަނީ މިބާވަތުގެ ކަންކަން އަބަދުހެން ތަކުރާރުވާއިރުވެސް ވިސްނާނުލައި އިބިލީހުގެ ބަހަށް ހެއްލޭކަމެވެ.
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް