އެމީހަކަށް ލިބޭވަރަކުން އަނބިދަރިންނަށާ ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމަކީ އަތްމަތިދަތިކަމާ ބޮޑެތި މުޞީބާތްތައް ކުރިމަތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެމީހަކަށް ލިބޭވަރަކުން އަނބިދަރިންނަށާ ތިމާ
ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމަކީ އަތްމަތިދަތިކަމާ ބޮޑެތި
މުޞީބާތްތައް ކުރިމަތިވާ ކަމެއް!


އެއްބައަކު އަތްމަތި ދަތިކަމުން ކަންބޮޑުވަނީއެވެ. ކަންބޮޑުވެ ތެޅިފޮޅެނީއެވެ. ހިތާމައަކީ އެޙާލަތު ތިމާއަށް ކުރިމަތިވުމުގައި ތިމާގެ އިހްމާލެއް އޮތްކަމާއިމެދު ވިސްނައިނުލެވޭ ކަމެވެ. އިހްމާލެއް އޮތްކަމާއިމެދު ވިސްނައިނުލެވޭތަނުގައި އަނބިދަރިންނަށާއި ޢާއިލާއިން ތިމާ ގޭދަކުރަންޖެހޭ މީހުންނަށް ހޭދަކުރުމުން އިތުރުކޮށްދެއްވަވާނެ ވަރާއިމެދުވެސް ވިސްނައިނުލެވޭ ކަމެވެ.

ހަމައެކަނި މިއާޔަތަށް ވިސްނައިލާށެވެ! 

" ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިިކުރައްވަވައެވެ. އަދި، ޞަދަޤާތް  އިތުރު ކުރައްވަވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް  އިތުރު ކުރައްވަވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވަވައެވެ.) އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ  ލޯބިވެ ވޮޑިގެނެއް ނުވެއެވެ." (އަލްބަޤަރާ: 276)

އަނބިދަރިންނަށާއި ޢާއިލާއަށް ހޭދަކުރުންވެސް ލައްވަވާފައިވަނީ ކުރެވޭ ޞަދަޤާތެއްގެ ގޮތުގައެވެ. ވީމާ ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ އަނބިދަރިންނަށާއި ޢާއިލާއަށް، ޢާއިލާއިންވެސް މައިންބަފައިންނަށް ކުރާ ހޭދަ އިތުރުކުރާށެވެ! ހޭދަކުރަން ފަސް ނުޖެހޭށެވެ! އަނބިދަރިންނަށް ހޭދަކުރަން ފަސް ޖެހޭ މީހާ އެ ނަގާލަނީ ނުވަތަ އެ ބަންދުކުރަނީ އޭނާއަށް ލިބޭ މިންވަރު އިތުރުކުރަން އޮތް މަގެވެ!

 

 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އަނބިދަރިންނަށް އަދި މައިންބަފައިންނަށާއި ޢާއިލާއަށް ހޭދަކުރުމަކީ ތިމާގެ އަތުން ގެއްލިގެންދާ އުނިވެގެންދާ ކަމެއް ކަމަށެވެ. އެފަދަ ވިސްނުމުގައި ބައެއް މީހުން އެމީހުން ހޭދަކުރަންޖެހޭ މީހުންނަށް ހޭދަކުރަން ފަސް ޖެހެއެވެ. އެފަދަ މީހުން މިބުނި މަގުން ހޭދަކުރުމުގެ ބަދަލުގައި ލިބޭ ފައިސާ ބޭންކްތަކަށް ޖަމާކުރުން ފަދަ ކަންކަން ކުރެއެވެ. މީގެ އިތުރުން ތިމާއަށް ދެދުނިޔޭގައިވެސް ފައިދާނުކުރާނެ ކަންކަމަށްވެސް ހޭދަކުރެއެވެ.

 

މިއީ ހަމަ ވަރަށް ނުބައި ނުވަތަ ވަރަށް ގޯސް ވިސްނުމެކެވެ. ބޭންކެއްގައިވެސް އަދި އެހެންތަނެއްގައިވެސް، އަމިއްލަ އަލަމާރީގައިވެސް ފައިސާ ރައްކާކުރަން ޖެހޭނީ އަނބިދަރިންނަށާއި ތިމާގެ ޢާއިލާއަށް ބޭނުންވާ ޚަރަދުތައް ކުރުމަށްފަހު އިތުރަށް ހުރިނަމައެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށްފަހުގައެވެ.

 

ތިމާގެ ޢާއިލއަށް، އަނބިދަރިންނަށް ހޭދަކުރާއިރު އެކަން ކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ނިޔަތް ގަނެގެން އެކަން ކޮށްފިނަމަ އެކަން ވެގެންދަނީ ޞަދަޤާތަކަށެވެ. އެއީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމަކެވެ. ޞަދަޤާތްކުރުމުން އެތައް ގުނައަކަށް އިތުރު ކުރައްވަވައި ﷲ ތަޢާލާ އެމީހަކަށް ނިޢްމަތްތައް ދެއްވަވައެވެ. ވީއިރު އަނބިދަރިންނަށް ހޭދަކުރުމަކީ ތިމާގެ އަތުން ގެއްލިގެން ނުވަތަ އުނިވެގެންދާ އެއްޗެއްކަމަށް ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން