ކުރާ ހުރިހާ ދުޢާއެއްގައިވެސް ރަނގަޅު ނިމުމެއް ދެއްވެވުން އެދިދަންނަވަން ހަނދާންކުރަންވާނެ! ސުވަރުގެ ވަދެވޭނީ ރަނގަޅު ނިމުމެއް ލިބިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުރާ ހުރިހާ ދުޢާއެއްގައިވެސް ރަނގަޅު ނިމުމެއް
ދެއްވެވުން އެދިދަންނަވަން ހަނދާންކުރަންވާނެ! ސުވަރުގެ ވަދެވޭނީ ރަނގަޅު ނިމުމެއް
ލިބިގެން!

 

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެންމެ ގިނައިން ދުޢާ ކުރެވެނީ ދުނިޔެއިން ކޮންމެވެސް ކަންތައްތަކެއް ޙާޞިލު ނުކުރެވިގެންނެވެ. ވަރަށް މަދު މީހަކަށް ނޫނީ އެމީހާގެ ނިމުން ރަނގަޅު ގޮތުގައި މެދުވެރިކޮށްދެއްވެވުން އެދި ދުޢާ ކުރަން ހަނދާނެއްވެސް ނުހުރެއެވެ.

މިކަމުން އެނގިގެންދަނީ މަރުވާނެކަމާއި އަދި އާޚިރަތާއިމެދު ޣާފިލުވެފައި ތިބެވޭ މިންވަރެވެ. ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެގެން ތިބޭ މިންވަރެވެ!

މީސްތަކުންނޭވެ! އެހެން ނުހަދާށެވެ! ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އެމީހެއްގެ ނިމުން ރަނގަޅު ގޮތުގައި މިންވަރުކޮށްދެއްވެވުމަށާއި އާޚިރަތް ދުވަހުގެ ސަވާބަށް އެދި ދުޢާކުރަން ވާނެއެވެ. ނަރަކައިން މިންޖު ކުރައްވަވައި ސުވަރުގެ ދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެންމެ ގިނައިން ދުޢާކުރައްވަވާފައިވަނީ އެމަގުންނެވެ. 

މިކަމުގެ އިތުރު ވަރަށް ބޮޑު ފައިދާއެއްވެސް އެބަ އޮތެވެ. އެއީ ރަނގަޅު ގޮތުގައި މަރު ނުވަތަ އެމީހާގެ ނިމުން ގެންދަވައިދެއްވެވުން އެދި އާއި އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށާއި ސުވަރުގެވަންތަވެރިންގެ ތެރޭގައި ހިމަނުއްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާ ދުޢާ ކުރާ މީހާގެ ހިތުގައި އީމާންކަން ވަރުގަދަވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވުން ވެސް އިތުރުވާނެއެވެ!  

އެހެނީ އޭނާއަށް އަބަދުވެސް އެ ހުރެވެނީ މަރު ހަނދާންކުރުންމަތީގައެވެ. ޤިޔާމަތް ދުވަހަށް ބިރުވެތިވުންމަތީގައެވެ. އެއީ އިންސާނާއަށް އެންމެ މުހިންމު ކަންތަކެވެ. ހަމަ އެއާއިއެކު ދުނިޔޭގައި މިކުރާ ހުރިހާ މަސައްކަތެއްގެ ބޭނުމަކީ ރަނގަޅު ނިމުމެއް ލިބި އާޚީރަތް ކާމިޔާބުވުމެވެ. ވީއިރު އެންމެ ގިނައިން ދުޢާކުރަން ޖެހޭނީ އެކަމަށް ނޫން ހެއްޔެވެ؟

ހުރިހާ ކްލާސްތަކަކުން މަތީ ވަނަތައް ހޯދަމުން އަންނަ ދަރިވަރަށްވެސް ލިބޭ ސަނަދުގައި އޮންނާނީ އެންމެ ފަހުގެ އިމްތިޙާނުގެ ނަތީޖާއެވެ. ހަމައެފަދައިން ދިރިއުޅުމުގެ ޙަޔާތުގައި މިކުރާ ހުރިހާ މަސައްކަތެއްގެ ނަތީޖާ ފެނިގެންމިދަނީ އަހަރެމެންގެ ނިމުން ބައްދަލުކުރާ ގޮތުންނެވެ! މަރާއި ކުރިމަތިލާން ޖެހޭއިރު ހުރެވޭ ޙާލަތުންނެވެ! ވީމާ ކޮންމެ މީހަކު ކޮންމެ ކަމެއްގައި ދުޢާ ކުރި ނަމަވެސް ބައްޖަވެރި، ނަޞީބުވެރި ނިމުމެއް ދެއްވެވުން އެދި ދުޢާކުރަން ހަނދާންނައްތައިނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން