ސަލްމާނުލް ފާރިސީ ރއ ގެ ޙަޔާތްޕުޅުން-

ކިޔުމަށް ހޭދަވާނީ 3މ 9ސ
ސަލްމާނުލް ފާރިސީ ރއ ގެ ޙަޔާތްޕުޅުން-

މަރްޔަމް ސާޖިދާ

 

ސަލްމާނުލް ފާރިސީ رضي الله عنه އުފަންވެވަޑައިގަތީ ފާރިސްކަރައިގެ އިސްފަހާންގެ ޤަދަރުވެރި އަދި މުއްސަނދި އާއިލާއަކަށެވެ. އެކަލޭގެފާނުގެ ބައްޕައަކީ އަލިފާނަށް އަޅުކަންކުރާ މަޖޫސީންގެ ބޮޑެކެވެ. ޒުވާން ސަލްމާނުގެފާނާއި ހަވާލުވެފައިއޮތީ އަލިފާންގަނޑު ނިވުނަނުދީ އަބަދުވެސް ބެލެހެއްޓުމެވެ. މިބުރަ މަސްއޫލިއްޔަތުގެ ސަބަބުން އެކަލޭގެފާނަށް ގެއިން ބޭރަށް ނިކުމެވަޑައިގަނެވެނީ ވަރަށް މަދު ފަހަރެއްގައެވެ.  

ނަމަވެސް އެއްދުވަހަކު މުހިންމު ކަމެއްގައި ބާޒާރަށް ވަޑައިގަތް މަގުމަތީގައި، ފައްޅިއެއްގެ ތެރެއިން ބަޔަކު މީހުން އަޅުކަންކުރާ އަޑު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. އަދި މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަނެ، އެދީނުގެ އަސްލާއި ގުޅޭގޮތުން އެމީހުނާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެދީނުގެ އަސްލަކީ ޝާމްކަރަ ކަމުގައި އެމީހުން ބުންޏެވެ. އަދި އަލިފާނަށް އަޅުކަން ކުރުމަށްވުރެ އެދީން ރަގަޅު ކަމުގައި ދެކެވަޑައިގެން ގެއަށްވަޑައިގެން ބައްޕަ ގާތުގައި އެވާހަކަ ދެންނެވިއެވެ. އެހިނދު ދަރިފުޅު ކާބަފައިންގެ ދީން ދޫކޮށްލާފާނެ ކަމުގެ ބިރުހީވެ އެކަލޭގެފާނުގެ ދެފައިގައި ދަގަނޑު ހިލިހިލާ އެޅުއްވިއެވެ.  

އެންމެ ފަހުން އެކަލޭގެފާނު އެތަނުން ފިއްލަވައިގެން، ނަޞާރާ ދީނާ ބެހޭ ހުރިހާ މަޢުލޫމާތެއް އުނގެނުމަށްޓަކައި ޝާމްކަރައަށް ވަޑައިގަތެވެ. ސަލްމާނުގެފާނު އެތަނުގެ އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާ ގާތުގައި، ބަދަލުނުކުރެވި ހުރި އަޞްލު ފޮތްތައް އުނގެނެން ދެވޭނެ ތަނަކަށް މަގުދެއްކުމަށް އެދިވަޑައިގަތެވެ. އެއީ ޙަޤީޤީ ޞައްޙަ ދީނަށް ތަބާވުމުގެ ބޭނުމުގައެވެ. އެގޮތުގެ މަތިން، އެކަލޭގެފާނު އެއް ޢިލްމުވެރިއެއްގެ ގާތުން އަނެއް ޢިލްމުވެރިއެއްގެ ގާތަށް—އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެއްވިއެވެ. އެ ދަތުރުތައް އެގޮތުގައި ކުރިއަށްދަނިކޮށް، އަޞްލު ފޮތްތައް އުނގަންނައިދޭނެ ތެދުވެރި އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތް ކަމުގެ ޚަބަރު އެކަލޭގެފާނަށް ލިބުނެވެ. ނަމަވެސް، ޢަރަބިކަރައިގެ ބިމަށް އެންމެ ފަހުގެ ނަބިއްޔާ ފާޅުވާނެ ވަގުތު ކައިރިވެއްޖެ ކަމަށާއި، އެ ނަބިއްޔާގެ ސިފަތަކުގެ ތެރޭގައި ހަދިޔާ ޤަބޫލުކުރެއްވުމާއި، ޞަދަޤާތް ޤަބޫލުނުކުރެއްވުމާއި، އަދި ބުރަކަށިފުޅުގައި ނަބީކަމުގެ ސިއްކަ ހުންނާނެކަން އެކަލޭގެފާނަށް އެނގުނެވެ. 

އެހެންކަމުން، އެކަލޭގެފާނު ޢަރަބިކަރައިގެ ބިމަށް ދިއުމަށް ދަތުރުފެއްޓެވިއެވެ. ނަމަވެސް މަގުމަތީގައި، ބައެއްގެ މަކަރުވެރިކަމުގެ ތެރެއިން ނުޙައްޤުން އަޅެއްގެ ގޮތުގައި އެކަލޭގެފާނު ވިއްކާލެވުނެވެ. އަދި އެކަކު އަތުން އަނެކަކު އަތަށް އެކަލޭގެފާނު ބަދަލުވަމުންދިޔައެވެ. އެއްދުވަހަކު، އެކަލޭގެފާނުގެ ސާހިބުމީހާގެ ދެބެންގެދެދަރި މީހެއްގެ ފަރާތުން ނަބިއްޔަކު ފާޅުވި ވާހަކަ އިވިވަޑައިގަތެވެ. އެހެންކަމުން މުޙައްމަދު ﷺ އާ ބައްދަލުކުރެއްވުމަށް އެކަލޭގެފާނު ސިއްރުން ނިކުމެވަޑައިގަތެވެ.

އެއީ ފޮތްތަކުގައި ބަޔާންވެގެންވާ ޙަޤީޤީ ނަބިއްޔާކަން ކަށަވަރުކުރެއްވުމަށްޓަކައި، ސަލްމާނުގެފާނު އިތުރު އެކަލޭގެފާނަށް ހަދިޔާއެއްގެ ގޮތުގައި އެއްޗެއް އެރުވިއެވެ. އެހިނދު އެންމެންނާއެކު އިތުރު އެކަލޭގެފާނުވެސް އޭގެއިން ފަރިއްކުޅުއްވިއެވެ. ނަމަވެސް، ޞަދަޤާތެއްގެ ގޮތުގައި އެކަލޭގެފާނު އެރުވުމުން، އެހެން އެންމެން ފަރިއްކުޅުއްވި އިރުވެސް، ކީރިތި ރަސޫލާ ﷺ އޭގެއިން ފަރިއްނުކުޅުއްވައެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ބުރަކަށިފުޅުގައިވާ ނަބީކަމުގެ ސިއްކަ ފެނޭތޯ ސަލްމާނުގެފާނު ބައްލަވަން އުޅުއްވާކަން އެކަލޭގެފާނަށް ﷺ އެނގިވަޑައިގަތުމުން، އެ ސިއްކަ ފެންނާނެހެން ހަށިކޮޅުގައި އޮތް ފޮތިކޮޅު ކުޑަކޮށް ޖައްސާލެއްވިއެވެ. ސަލްމާނުގެފާނަށް އެ ސިއްކަ ފެނިވަޑައިގަތުމާއެކު، ކުލުނާއި އުފަލުން ކަރުނައަޅުއްވައި ރޮއްވަން ފެއްޓެވިއެވެ. އަދި އެ ސިއްކަފުޅަށް ބޮސްދެއްވައި، ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްވެވަޑައިގަތެވެ. 

ސަލްމާނުލް ފާރިސީ رضي الله عنه ގެ ޙަޔާތްޕުޅުން އަޅުގަނޑުމެނަށް އެނގިގެންދަނީ، ދުނިޔޭގެ އަރާމާއި މުއްސަނދިކަމަށްވުރެ، ޙަޤީޤީ ދީނާއި ސީދާ މަގު ހޯދުމަށް ކުރާ މަސައްކަތުގެ އަގުބޮޑުކަމެވެ. ހަމައެހެންމެ އެކަލޭގެފާނުގެ ކެތްތެރިކަމާއި، ތަޤުވާވެރިކަން އަދި އިޚްލާޞްތެރިކަމަކީވެސް އަޅުގަނޑުމެން ޢިބުރަތް ލިބިގަންނަންޖެހޭ ކަންކަމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން