ވައްކަން ކުރުން ގިނަވެ ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ ކުށަކީ ވައްކަންކުރުން ކަމަށް މިއޮތީ ވެފައެވެ. އިންޞާފު ޤާއިމުނުކުރެވޭ ކަމުގެ ޝަކުވާގެ އަޑުތައް އެހައި ގަދައެވެ. މިހުރީ އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައިވެސް ހުރި ބޮޑެތި މައްސަލަތަކެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވި: "މާތް ﷲ ގަންދީބުނަމެވެ. މުޙައްމަދުގެ ފާނުންގެ ދަރިކަނބަލުން ފާޠަތު ވައްކަންކުރިނަމަވެސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ."
މި ޙަދީޘްފުޅަކީ ދާދި ފަހަކާއި ޖެހެންދެން ޚުޠުބާތަކުގައި ވަރަށް ގިނައިން ކިޔައި އަޑުއިއްވި ޙަދީޘްފުޅެކެވެ. ނަމަވެސް ަފހަކަށް އައިސް މި ޙަދީޘްގެ އަޑުވަނީ ކެނޑިފައެވެ. އެކަމަކު ވައްކަންކުރުން ދަނީ ގިނަވަމުންނެވެ.
މިޙަދީޘްފުޅުން ޙާޞިލުކުރަންޖެހޭ ފިލާވަޅުތަކުގެ ތެރޭގައި އޮތީ ހަމައެކަނި އަތްކެނޑުމެއް ނޫނެވެ. އަމިއްލަ އަންބޮނޑި ބޮޑުނުކުރުމާއި އެންމެހައި ރައްޔިތުންގެ މެދުގައި ޢަދުލުވެރިވުންވެސް ހިމެނެއެވެ. އިންޞާފު ޤާއިމުކުރުމުގައި އިންޞާފުވެރިވުންވެސް ހިމެނެއެވެ.
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އޮތީ ޢަދުލުވެރިވެގެންނެވެ. އިސްލާމް ދީނުގެ އެންމެ ބޮޑު އެއް އަޞްލަކީވެސް ޢަދުލުވެރިކަމާއިއެކު ކަންކަން ކުރުމެވެ. ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރުމެވެ. މިއީ ފެންނަން އޮތް އެންމެ ބޮޑު އެއް ޙަޤީޤަތެވެ.
--މިއަދުނޫހުގެ ކިޔުންތެރިއެއް