ފަޤީރުކަމުން މަންމައަށް ބޭސްފަރުވާކުރެވެން ނެތިގެން މަންމައަށްޓަކާ ކައިވެނީގެ ކުރިން މޫނު ނުބެލުން ޝަރުޠުކުރި މީހަކާ ކައިވެނިކުރީމާ ހިތްއެދިގެންހުރި ތަނަވަސް މީހާއާ ކައިވެނިކުރެވުނު ދަރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފަޤީރުކަމުން މަންމައަށް ބޭސްފަރުވާކުރެވެން ނެތިގެން މަންމައަށްޓަކާ ކައިވެނީގެ ކުރިން މޫނު ނުބެލުން ޝަރުޠުކުރި މީހަކާ ކައިވެނިކުރީމާ ހިތްއެދިގެންހުރި ތަނަވަސް މީހާއާ ކައިވެނިކުރެވުނު ދަރިއެއްގެ ވާހަކަ-

ނަސީމާއަކީ މަންމަޢާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދެމަފިރިން ވަރަށް މުސްކުޅިއެވެ. މަންމަ އޮތީ ވަރަށް ބަލިޙާލުގައެވެ. ނަސީމާއަށް ލިބޭ މުސާރައިން ގޭގެ ޚަރަދުތައް ކޮށްފައި މަންމައަށް ކުރަންޖެހޭ ފެންވަރަށް ބޭސްފަރުވާއެއް ނުކުރެވެއެވެ. އެހެންވެ ނަސީމާ ހުންނަނީ ވަރަށް ދެރަވެއެވެ. 

ބޮޑުދައިތަ ބުނީ ތަނަވަސް މީހަކު ނަސީމާއާއި ކައިވެނިކުރަން ތައްޔާރަށް ހުރިކަމަށެވެ. ނަމަވެސް ޝަރުޠެއް އެބައޮތް ކަމަށާއި އެޝަރުޠަކީ ކައިވެނިކުރުމުގެ ކުރިން އޭނާގެ މޫނު ދެކެން ނުއެދުން ކަމަށެވެ. ގޮތް ނިންމަން މަންމަ ދޫކޮށްލީ ނަސީމާއަށެވެ. ނަސީމާ ނިންމީ މަންމަގެ ފުރާއަށްޓަކައި އެޤުރްބާނީ ވުމަށެވެ. އޭނާއާއި ކައިވެނިކުރުމަށެވެ.

"އެއީ ވަރަށް ސިފަ ހުތުރު މީހަކަށްވެސް ވެދާނެއެވެ. އެހެނަސް މަންމައަށްޓަކައި މިޤުރްބާނީ ވާނީއެވެ. ހިތްވަރަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. ކެތްތެރިކަންވެސް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ."  

އޭނާގެ މޫނުމަތީގައި މޫނު ބުރުގާއެއް ފަދައިން އެލުވައިގެން އުޅުނު ފޮތިގަނޑު ނެގީ ކައިވެނީގެ ރޭ ނިދަން ކޮޓަރިއަށް ވަދެފައި ނަސީމާ އެދުމުންނެވެ. މޫނުފެނުމާއިއެކު ނަސީމާ ގަނޑުވިއެވެ. ކުރިމަތީގައި އެހުރީ ކޮލެޖުން ފެށިގެން އޭނާ އާއި ގުޅެން ބޭނުންވެގެން ފަހަތުން ދުވީމާވެސް ކައިވެނިކުރަން ބޭނުން ނޫންކަމަށް ބުނަމުން އައި ޒުވާނާއެވެ. ނަސީމާ އެގޮތަށް ބުނަމުން އައީ އޭނާ ކަމުނުދާތީއެއް ނޫނެވެ. އޭނާއަކީ އެންމެ ތަނަވަސް ޢާއިލާއެއްގެ ހުރި އެންމެ ފިރިހެންދަރިފުޅު ކަމަށްވެފައި ނަސީމާއަކީ އެންމެ ފަޤީރު ޢާއިލާއެއްގެ ދަރިއަކަށްވުމުންނެވެ. އޭނާގެ މައިންބަފައިން ނަސީމާ ބަލައިނުގަންނާނެކަމަށް ވިސްނައިގެންނެވެ.  

ގަނޑުވި ނަމަވެސް ލިބުނު އުފާވެރިކަން ބޮޑުވެ ކެތްތެރި ނުވެވުނީވެސް ނަސީމާއަށެވެ. "ބާރަށް ގާތަށް ޖެހިލައި ބައްދާލައި މޫނަށް ބޮސްދިނީ ނަސީމާއެވެ. އެބައްދައިލުން ނިމުމުން ފިރިމީހާ ބުންޏެވެ. "އަހުރެން ލޯބިވަނީ ހަމައެކަނި ތިބާ ދެކެއެވެ. ނަސީމާވެސް އަހުރެންނަށް ރުހޭކަން އެނގެއެވެ. އެއްބަސްނުވި މައްސަލަވެސް އެނގެއެވެ. އެހެންވެ އަހުރެން މިހާރު މިހުރީ ބައްޕަގެ އެހީތެރިކަމާއިއެކު އަމިއްލަ ފައިމަތީގައެވެ. މިއީ އަހުރެންގެ ގެއެވެ. މިގޭގައި އުޅޭނީ ދެމީހުންނާއި ނަސީމާގެ މަންމައާއި ބައްޕައެވެ."

ލިބުނު އުފާވެރިކަން ބޮޑުކަމުން ނަސީމާ ޝުކުރުގެ ސަޖިދަކުރިއެވެ. ފިރިމީހާގެ ދެފައިތިލައިގައި ބޮސްދިނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މައިންނަށްޓަކައި ވާންޖެހޭ ޤުރްބާނީގެ ބޮޑުކުޑަމިނަށް ނުބަލާށެވެ! ކޮންމެ ޤުރްބާނީއެއްވާން ޖެހުނަސްވާށެވެ. އެދަރިއަކަށް ދެރަގޮތެއް ﷲ ތަޢާލާ މެދުވެރިނުކުރައްވަވާނެތެވެ.

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން