ކަންތައް ދިމާވިގޮތުން އުޅެބޮޑުވީ ގިނަ އަނބިން ތިބުމުން ޖެހޭ މައްސަލަތައް ގިނަ ގެއެއްގައެވެ. މަންމައަކީ ދޮށީ އަނބިމިހާއެވެ. ބައްޕަގެ އިތުރު 3 އަނބިންވެސް ގެންގުޅުނީ ހަމައެގޭގައެވެ. ގެއަކީ ކުޑަވަރެއްގެ "ނަރަކަ" އެކެވެ. ހަމައެއް އިންސާފެއް ނުއޮވެއެވެ. އަބަދުވެސް އޮންނަނީ ދެބަސްވެ ޒުވާބުކުރުމެވެ.
އަހުރެންގެ ކައިވެންޏަށް 4 ވަނަ އަހަރު ފިރިމީހާ ދެވަނަ އަންތބަކަށް ބޭނުންވެއްޖެއެވެ. ވިސްނުމަށް އައީ މަންމައަށް އުޅެންޖެހުނު ނިކަމެތި ޙާލެވެ. އެހެންވެ އެކަމަށް ނުރުހުމުން އެތައް ބައަކު އައިސް އެކަމަށް ނުރުހުމުން އަހުރެން ފާފަވެރިވާނެ ބޮޑުކަން ކިޔައިދިނެވެ. އެއަޑުތައް އަހަން އުނދަގޫބޮޑުވުމުން ރުހުނީމެވެ.
ރުހުނީމާ ކައިވެނިކޮށްފިއެވެ. އެއަނބި ބެއިންދީ އެހެން ގެއަކުއެވެ. ދެންވީ ގޮތަކީ އަހުރެންގެ ގާތަށް އައުން މަދުވީއެވެ. ދެރެއިން އެއްރޭ ދެމިއޮތީ ހަފްތާއަކަށެވެ. ދޭތެރެދުރުވަމުން ގޮސް މަސްދުވަސްވެސް ވާންފަށައިފިއެވެ.
އެހިސާބުން ކުރިން ގެއަށް އައިސް އަހުރެން އެކަމަށް ނުރުހުމުން ދެއްވަވާނެ ޢަޛާބު ކިޔައިދިން މީހުންނަށް ގުޅަން ފަށައިފިއެވެ. ގިނަ މީހުން ފޯނުވެސް ނުނަގައެވެ. ފޯނުނަގާ މީހަކާވެސް ވާހަކަދައްކަން ފަށާއިރަށް ފަހުން ގުޅާނެ ކަމަށް ބުނެ ފޯނުކަނޑާލަނީއެވެ. އެހެންވެ ދެއަންބިންގެ މެދުގައި ޢަދުލުވެރިނުވީމާ ދެއްވަވާނެ ޢަޛާބުގެ ވާހަކަ ފިރިމީހާޢަށް ކިޔައިދޭނެ މީހަކު ނުލިބުނެވެ.
ދެން ވިސްނީ އަނިޔާލިބެމުންދާ އެންމެންގެ އަޑު އައްސަވައިވޮޑިގަންނަވާނެ ފަރާތަށް މައްސަލަ ހުށަހެޅުމަށެވެ. އެހެންވެ ފުރަތަމަ ކިލާހަކަށް ގޮސް ތަޖުވީދުދަސްކުރީއެވެ. ދެން ކިޔަވަންދަސްކޮށް ފަރިތަކުރީއެވެ. ދެން ކިޔަވަން ފެށީއެވެ. ހަފްތާއަކު ޚަތިމެއް ކުރަންފެށިތަނާ ބޮޑުބޭބެގެ އެއްފިހާރަ ހަވާލުކޮށްފައި ބުނީ ލިބޭ ފައިދާ ދެމީހުންނަށް ބަހާ ގޮތަށް ފިހާރަ ހިންގުމަށެވެ. މަސައްކަތާ ޙަވާލުވީމެވެ. އެކަމަކު ޤުރްޢާނަށް ދޭ ވަޤުތު މަދެއް ނުކުރަމެވެ.
ފިރިމީހާއަށް އަހުރެންގެ ކަންކަން ބެލޭވަރު ނިކަން ދެކިބަލާށެވެ! އަހުރެން ފިހާރައެއް ހިންގާކަން އެނގުނީ ހިންގާތާ އަހަރުވީފަހުންނެވެ. ފިހާރައިން ރަނގަޅު މަންފާއެއް އަހުރެންނަށް ކުރާކަން އެނގުމާއިއެކު ހަގު އަނބި ވަރިކޮށްފައި އަހުރެންގެ ގާތަށް އަތުވެއްޖެއެވެ.
އެކަން ބަލައިނުގަނެވުނީ އަހުރެންނަށެވެ. އެއިރު އަހުރެން ހުރީ ވަކިވާން ނިންމައިގެންނެވެ. އެހެންވެ ހެޔޮގޮތުގައި ދެމީހުން ވަކިވެ ދެވަނަ ކައިވެނިކުރީއެވެ.
އަހުރެންގެ ޙަޔާތުގެ ވާހަކަ ދުނިޔެއަށް މިޝެއާކުރީ އެންމެ ބޭނުމަކުއެވެ. އެބޭނުމަކީ ގިނަ އަނބިން ހޯދަން ނުރުހުނީމާ ދެއްވަވާނެ ޢަޛާބު ކިޔައިދޭ މީހުންގެ ގާތުގައި އެންމެ ވާހަކައެއް ބުނުމަށެވެ. އެއީ އަހުރެންނަށް ކިޔައިދިން މީހުން ކަންތައްކުރި ގޮތަށް ކަންތައް ނުކުރުމަށް ބުނުމެވެ. އަނބިންގެ ފަހަތުން ދުވާހެން ފިރިންގެ ފަހަތުންވެސް ދުވެ އަނބިންގެ މަޞްލަޙަތުވެސް ރައްކައުތެރިކޮށްދޭން ބުނުމެވެ.
- މިއީ އަންހެނަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކައެއްގެ ޚުލާޞާއެކެވެ.
- މިއަދުނޫސް