ބައްޕަ ނިޔާވިއިރު 2 ދަރިން ތިއްބެވެ. 17 އަހަރުގެ ފިރިގެން ކުއްޖަކާ 13 އަހަރުގެ އަންހެން ކުއްޖެކެވެ. ފިރިހެން ކުއްޖާގެ ޢުމުރުން 19 އަހަރުގައި ބުނީ ވަޒީފާއެއް މާލެއިން ލިބިއްޖެކަމަށާއި މާލެދާން ބޭނުންވާ ކަމަށެވެ. އެއީ ކޮއްކޮއާއި މަންމަގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ކޮއްކޮއަށް ރަނގަޅު ތަޢުލީމެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.
ދަރިފުޅު މާލެ ފޮނުވަން މަންމަ ބޭނުމެއް ނޫނެވެ. އެއީ ގޭގެ ކަމެއްގައި އެހީތެރިވެދޭނެ މީހަކު ނެތުމުންނެވެ. ނަމަވެސް އެހެންގޮތެއް ނެތުމުން އެކަމަށް އެއްބަސްވިއެވެ. ފުރަން ގެއިން ނުކުންނަން ފެށުމުން ރޮމުން ދަރިފުޅަށްޓަކައި ހެޔޮދުޢާކުރިއެވެ.
ދަރިފުޅު މާލެއައީ ފިހާރައެއްގެ ވަޒީފާއަކަށެވެ. ވަޒީފާގައި މަސައްކަތްކުރާލެއް ރަނގަޅުކަމުން ވެރިމީހާގެ ރުހުމާއި ލޯބި ޒުވާނާއަށް ލިބުނެވެ. ޒުވާނާ ނަމާދުކުރެއެވެ. މަސައްކަތުގައި ހީވާގިވެފައި ތެދުވެރިކަމުންނެވެ. ހުކުރު ދުވަހު ވެރިމީހާގެ ގެއަށް ގޮސް އެގޭގެ މަސައްކަތްތައްވެސް ކޮށްދޭތީއެވެ.
ލިބޭ މުސާރައިން ކުޑަމިންވަރެއް އަމިއްލަ ބޭނުންތަކަށް ބަހައްޓާފައި އެކުގައިހެން ފޮނުވަނީ މަންމައަށެވެ. ރަށަށް ދިއައީ 4 އަހަރު ފަހުންނެވެ. އެކަންޏަކު ނޫނެވެ. އަނބިމީހާވެސް ގޮވައިގެން ހަނީމީނަށެވެ. އަނބިމީހާއަކީ މަސައްކަތްކުރާ ފިހާރައިގެ ވެރިމީހާގެ ދަރިފުޅުކަން އެނގުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅަށް ހެޔޮ ރަޙުމަތް ލެއްވެވުން އެދިގެން މަންމަ ދުޢާކުރީ ހަމައެކަނި ފުރަން ގެއިން ނުކުތް ވަޤުތަކު ނޫނެވެ. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ކުރަމެވެ. ކުރާ ކޮންމެ ނަމާދެއްގައިވެސް ކުރީމެވެ. ﷲ ދަރިފުޅަށް ލެއްވެވި ބޮޑު ރަޙުމަތަށް ޝުކުރުވެރިވާންވާނެއެވެ. ނަމަނަމަ އަނބިމީހާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެއީ އޭނާގެ ތަނަވަސްކަން ހުރީތީއެއް ނޫނެވެ. ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވުމަށެވެ."
މައިންގެ ހެޔޮދުޢާއިން ޙާޞިލުނުވާ ކަމެއް ނެތްކަމަށް ބަޔާންކޮށް މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތައް ކިޔަމެވެ. އެހެންކަމުން އެނގޭ އެކުވެރި ޢާއިލާއެއްގެ ވާހަކަ ޙިއްޞާކޮށްލީއެވެ. އަޅުގަނޑު އެންމެ ދެރަވަނީ 3 ދަރިން ތިބިއިރުވެސް އަޅުގަނޑަށް އަޅައިނުލާތީއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށްޓަކައި އަބަދުވެސް ހެޔޮދުޢާކުރަމެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ