އެންމެ ގާތުން ﷲ ގެ ވަޖުހަފުޅު ދެކެން ބޭނުންވާނަމަ ކުރަންވީ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އެންމެ ގާތުން ﷲ ގެ ވަޖުހަފުޅު ދެކެން ބޭނުންވާނަމަ ކުރަންވީ 4 ކަމެއް!

ތިމާއަށް ކަމުދާ މީހަކު ލަވަކިޔަސް ކިތަންމެ ބޮޑު އަގެއްދީފައިވެސް އެންމެ ގާތުން ގޮނޑިއެއް ހޯދައެވެ. އަދި އެމީހަކަށް ކަމުދާ މީހަކު ތަޤްރީރެއް ކުރިޔަސް އެމީހަކާއި އެންމެ ގާތުގައި ހުންނަން / އިންނަން ބޭނުންވެވެއެވެ. މިގެނެސްދެނީ އެހުރިހާ ކަމަކަށްވުރެ މާބޮޑުކަމެއްގެ ވާހަކައެވެ. ﷲ ތަޢާލާގެ ވަޖްހަފުޅު ފެނުމުގެ ނަޞީބުލިބޭ ވަޤުތުކޮޅުގެ ވާހަކައެވެ. އެވަޤުތުކޮޅު ތިބާ ހުންނަން ބޭނުންވަނީ ކިހާހިސާބެއްގައި ހެއްޔެވެ؟ އެންމެ ގާތުގައިކަމަށްވާނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ!  

ޔައުމުލް މަޒީދު : ސުވަރުގޭގައި  ﷲ އަށް ޒިޔާރަތް ކޮށް އެކަލާނގެ ވަޖުހުފުޅުދެކޭ ދުވަސް، އެއީ  ހުކުރު  ދުވަހެކެވެ. އެދުވަހު  ﷲ ގެ ޙަޟުރަތުގައި އެންމެ ނަސީބުވެރި ބައަކަށް ވާނީ  ( އެކަލާނގެ އާއި އެންމެ ކުއްތަންވެގެންވާނީ ) 1. ހުކުރު ދުވަހު ހުކުރަށް ދިއުމުގައި އަވަސްވާ އަދި މެންބަރާއި 2. އެންމެ ގާތުގައި ތިބޭ މީހުންނާއި އަދި 3. ނަމާދުގައ މިސްކިތުގައި އިމާމާއި އެންމެ ކައިރީގައިވާ މީހުންނާއި އަދި 4. ﷲ މަތިން ގިނައިން ހަދުމަކުރާ މީހުންނެވެ! 

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މީސްތަކުން ސުވަރުގެ ވައްދަވައި ނިމުމުން އެކަލާނގެ އަޅުތަކުންނަށް ﷲ ދެއްވަވާ މި ފުރުޞަތު ނުވަތަ ﷲ ގެ ވަޖްހަފުޅު ދެއްކެވުން އޮންނާނީ ވެސް ހުކުރު ދުވަހެއްގެ ހުކުރު ވަގުތުގައެވެ.  

ކަން މިފަދައިން އޮތް ނަމަވެސް އިމާމް މީހާ އާއި އެންމެ ގާތުން އެ ޖާގަ ހޯދަން ޖެހޭނީ ކުރިން ހުކުރަށް ގޮސްގެންނެވެ. ކުރިން ނަމާދަށް ގޮސްގެންނެވެ. މީސްތަކުންގެ ކޮނޑުތައް ގިރާކޮށް ކުރިއަރައިގެނެއް ނޫނެވެ. ގަދަކަން ދައްކައި ސަފުތައް ފަޅައި ކުރިއަރައިގެނެއްވެސް ނޫނެވެ.  

އެމީހާ ބަލައިގަނެފައިވާ ސިޔާސީ ލީޑަރުގެ ބައްދަލުވުމަކަށް ދައުވަތު ލިބިއްޖެ ނަމަ ނުވަތަ މަޝްހޫރު ފަންނާނެއް ބައިވެރިވާ ޝޯއެއް ނަމަ އެންމެ ކުރީ ބަރިން ޖާގަހޯދައެވެ. ފަންނާނުންގެ ޝޯ ބަލަން ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ހަމަ ބޭނުންވަނީ އެންމެ ކުރީ ބަރިއެވެ.  

ﷲ ތަޢާލާގެ ވަޖްހްފުޅު ދުށުމަށްޓަކައި އެންމެ ކުރީ ބަރިން ޖާގަ ހޯދަން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހެއެވެ. އޮތީ ވީހައި ކުރިން މިސްކިތަށް ގޮސް އިމާމް މީހާ އާއި ވީހައި ގާތުން ޖާގަ ހޯދުމެވެ. ނަމަވެސް އެކަމެއް ނުކުރެވެއެވެ.  

ކަން އޮތީ މިފަދައިން ނަމަވެސް ހުކުރަށް ދެވޭ ކަމަށްވަނީ ޚުޠުބާ ނިމޭ ހިސާބަށް ދާ ފަހުންނެވެ. ގޮސް ޖެހުނު ދިމާޢެއްގައި މުސައްލައެއް އަޅާލައިގެން ނަމާދުކޮށްލެވުނީމައި އޮންނަނީ ހުކުރަށް ދެވުނީ ކަމަށް ހަދައިފައެވެ. ނަމަވެސް އިމާމް މީހާ މިންބަރަށް އަރައި ޚުޠުބާ ފެށުމާއިއެކު ހުކުރަށް ދާ މީހުންގެ ޙާޒިރީ ލިޔުއްވަވާ މަލާއިކަތުން ލިޔުއްވެވުން ހުއްޓަވާލައްވަވައި ޚުޠުބާ އަޑު އައްސަވަން ފަށްޓަވައެވެ. ހަމަ ޔަޤީނުން ވެސް އެއިގެ ފަހުން ހުކުރަށް ދާ އެއްވެސް މީހެއްގެ ނަމެއް އެ ހާޒިރީއަކު ނުލިޔުއްވަވާނެތެވެ! އެ ނަޞީބު އެވަނީ އެމީހަކަށް ގެއްލިފައެވެ!

 

- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން

މިއަދު އޮންލައިން