ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު 4 މީހުންވެސް ކައިވެނި ނުކުރުމުން މާޔޫސްވެފައި އިންދާ ޝައިޚް ދިން ނަޞީޙަތަށް ޢަމަލުކުރަން ފެށިތަނާ ކައިވެނިކުރެވުނު އަންހެނެއްގެ ވާހަކައާ ދިންނަޞީޙަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު 4 މީހުންވެސް ކައިވެނި ނުކުރުމުން މާޔޫސްވެފައި އިންދާ ޝައިޚް ދިން ނަޞީޙަތަށް ޢަމަލުކުރަން ފެށިތަނާ ކައިވެނިކުރެވުނު އަންހެނެއްގެ ވާހަކައާ ދިންނަޞީޙަތް-

އެއިރު އަހުރެންގެ ޢުމުރަކީ 35 އަހަރެވެ. 4 މީހަކު ދެކެ ލޯބިވެގެން އެއިރުވަނީ 12 އަހަރު އުޅެވިފައެވެ. ކޮންމެ މީހަކުވެސް ވަކިވަނީއެވެ. އެއްވެސް މީހަކު ކައިވެނިކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ ލިބުނު މާޔޫސްކަން ބޮޑުވެ އެއްވެސް މީހަކާއި ކައިވެނިނުކުރަން އަދި އެއްވެސް މީހަކު ދެކެ ލޯބިނުވަންވެސް ނިންމީމެވެ.  

އޮފީހުގެ ބޮސްއަކީ ޒުވާނެކެވެ. އެހެން ބުނި ނަމަވެސް އެއިރު 40 އަހަރެވެ. ވަރަށް ދީންވެރި މީހެކެވެ. އަނބިމީހާ ވަރިވެގެން ދިއުމުން ކައިވެނިނުކޮށް ހުންނަތާ 6 އަހަރެވެ. އޮފީހަށް އައިސް އުޅޭ އެކުވެރި ޝައިޚަކު ހުރެއެވެ. އޭނާ އެހެން މުވައްޒިފުންނާއިވެސް ވާހަކަ ދައްކައި އުޅޭ އުޞޫލުން އަހުރެންނާއިވެސް ވާހަކަދައްކައެވެ. އެހެންވެ ގާތްކަމެއްވެސް އޮވެއެވެ.  

އެކަނިހުރެ އަނގައިން ބުނެލަން ލިބުނު ފުރުޞަތެއްގައި ޝައިޚާދެކެވުނު ވާހަކައެއްގެ ތެރެއިން ކައިވެންޏާއިމެދު ސުވާލުކުރީމާ ކަންތައްތައް މެދުވެރިވި ގޮތް ކިޔައިދިނުމުން ބުންޏެވެ. "ތިއަވާހަކަތަކުން އަހުރެންނަށް ފާހަގަކުރެވުނީ ތިބާގެ ކުށެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިއޮތީ ލޯބިވެގެން އުޅުމަކަށް ނޫނެވެ. ކައިވެނިކުރުމަށެވެ. އެކަމަކު ތިބާ ކަންތައް ތިއަކުރީ އެއިގެ ދިމާ އިދިކޮޅަށެވެ. ވީމާ އަހުރެން މިބުނާ ގޮތަށް ނިކަން ކަންތައްކޮށްބަލާށެވެ!  

އެގޮތަކީ ﷲ ތަޢާލާއާއި ތަންކޮޅެއް ބޮޑަށް ކުއްތަންވެލުމެވެ. ފަރުޟް ނަމާދުތަކުގެ އިތުރަށް ސުންނަތްވެސް ކުރާށެވެ! ޚާއްޞަކޮށް ޟުޙާނަމާދާއި ވިތުރިއާއި ތަހައްޖުދްނަމާދުގެ މަދުމިނުން 4 ރަކްޢަތް ކުރާށެވެ! ކޮންމެ ނަމާދެއްގެ ސަޖިދައިގައިވެސް ދުޢާކުރާށެވެ. ތަހައްޖުދު ނަމާދު ނިންމައި ތަންކޮޅެއް ދިގުކޮށް ދުޢާކުރާށެވެ. އަދި ދެއިރުގެ ޛިކުރުތައް ކުރުމުގެ އިތުރަށް ކީރިތި ޤުރްއާނުން ކޮންމެ ދުވަަހކުވެސް މަދުވެގެން 2 ޞަފްޙާ ކިޔަވާށެވެ.  

ކައިވެނިކުރުންފަދަ ވަކިބޭނުމެއް ފުދޭނެ ކަމަށް ބުނަނީއެއް ނޫނެވެ. އެކަމަކުވެސް ބުނަންހެއްޔެވެ؟ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. 3 މަހެއްހައި ދުވަހަށް ކުރިއަށް ގެންގޮސްފައި ވީގޮތެއް ނިކަން ބުނެބަލާށެވެ!"  

ޝައިޚުގެ ނަޞީޙަތަށް ޢަމަލުކުރަން ފެށީމެވެ. 3 މަސްވީއިރު ވީކަމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުމެވެ. ޝައިޚުގެ ގާތުގައި އެވާހަކަ ބުނުމުން ބުނީ ތިއަ ޙާޞިލްކުރެވުނީ ވަރަށް ބޮޑުކަމެއް ކަމަށާއި އަދިވެސް އެގޮތުގައި ކުރިއަށް ދިއުމަށެވެ.

ހަމަސްވާން ގާތްވެފައި ވަނިކޮށް ބޮސް އެއްދުވަހަކު ބުނީ ހުކުރު ދުވަހުގެ ރޭ މަންމަމެން ގޮވައިގެން އޭނާގެ ގެއަށް ރޭގަނޑުގެ ކެއުމަކަށް ދަޢުވަތުދޭން ބޭނުންކަމަށެވެ. ދަޢުވަތު ޤަބޫލުކޮށް 3 މީހުން އެކުގައި ދިއައިމެވެ. ކައިނިމިގެން ސިޓިންގރޫމްގައި ތިބެފައި ބޮސް ބައްޕަގެ ކިބައިން އެދުނީ އަހުރެންގެ ކައިވެންޏަށެވެ. ވަރަށް ލަދު ގަތެވެ. ބައްޕަ ބުނީ އެކަން ނިންމާނީ އަހުރެން ކަމަށެވެ. ދެން ބޮސް ބުނީ މިއީ ހުށަހެޅުމެއް ކަމަށާއި ޤަބޫލުނުކުރިޔަސް ވަޒީފާގައިވެސް ހުރެވޭނެ ކަމަށެވެ. ނިންމުން ނިންމަންވާނީ ހިތް ރުހޭ ގޮތަކަށް ކަމަށެވެ.  

އެހިސާބުން އަހުރެން ސުވާލުކުރީ ޝައިޚް އެއްވެސް ވާހަކައެއް ބުނިތޯއެވެ؟ ބޮސް ބުނީ ޝައިޚާއިއެކު އަންހެނުންގެ ވާހަކަ ނުދައްކާ ކަމަށެވެ. ދައްކަނީ ދީނުގެ ވާހަކަ ކަމަށެވެ. އެހެން ބުނުމުން ވިސްނުނީ މިއީ ﷲ ލެއްވެވި ރަހްމަތެއް ކަމަށެވެ. ކުރަމުން އައި ދުޢާތައް ޢިޖާބަކުރެއްވެވީ ކަމަށެވެ. އެގޮތަށް ވިސްނުމުން ވަޤުތުން ރުހުނީމެވެ. ބޮސްގެ ސިފަ ރީތިކަމަކުން ނޫނެވެ. ތަނަވަސްވީމައެއްވެސް ނޫނެވެ. ﷲ ލެއްވެވި ރަޙްމަތަށް ފުރަގަސްނުދޭށެވެ.  

ކައިވެނިކުރެވުނެވެ. ކައިވެނީގައި މިހާރު 20 އަހަރެވެ. 6 ދަރިން ލިބި ބޮޑެތިވަމުން އަންނަނީއެވެ. ފިރިމީހާއަކީ ވަރަށް ހެޔޮ މީހެކެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ.  

އަހުރެންގެ ވާހަކަކޮޅުން ކުރިން އަހުރެން ގޮތަށް މާޔޫސްވެފައި ތިބި އަންހެނުންނަށާއި ފިރިހެނުންނަށްވެސް ފައިދާއެއް ކުރާނެ ކަމަށް ވިސްނައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން