ވަރިކުރަން އަވަސްވެގަތުމަށްފަހު ހެދުނު ގޯސް ވިސްނި ހިތާމަކުރަން ޖެހުމުގެ މައްސަލަތައް ގިނައިން ކުރިމަތިވަނީ ފިރިހެނުންނަށް ކަމަށްވުމުން އެކަމުގެ ސަބަބަކީ ވަރިކުރުމުގެ ބާރު ފިރިހެނުންނަށް އޮތުން ކަމަށް ނިންމައިފިނަމަ އެއީ ވަރަށް ނުރައްކައުތެރި ނިންމުމެކެވެ.
ނުރައްކާތެރިކަމެއް ނަމަވެސް އެއީވެސް ހަމަ ވަރަށް ބޮޑު ސަބަބެކެވެ. އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. މިހުރިހާ ސަބަބުތަކަށްވެސް ވިސްނައިލުން ވަރަށް މުހިންމެވެ.
އަނބިމީހާ ވަރިކޮށް ކައިވެނި ރޫޅާލުމަށްފަހު އެނބުރި އަންނަ ފިރިން ގިނަވާނެއެވެ. މިކިޔައިދެނީ އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބުތަކެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި ބައެއް އަނބިން ވިސްނާނުލައި ކަންކަން ނިންމިނަމަވެސް ގިނަ އަނބިންނަކީ ހިތަށް އަރާއިރަށް ކަންކަންކުރާ ބައެއް ނޫނެވެ. ޚާއްޞަކޮށް ވަރިވާނަމަ ވަރިވާނީ އެކަމަށް ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ. އެއީ ހަމަހުރެފައި ނިންމާ ނިންމުމެއްވެސް ނޫނެވެ! އެތައް ދުވަހެއް ވަންދެން ވިސްނުމަށްފަހު ނިންމާ ނިންމުމެކެވެ. ވީމާ ވަރިވެއްޖެނަމަ އެނބުރި އަންނަން ބޭނުންވުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ.
މިއާއި ޚިލާފަށް ގިނަ ފިރިހެނުން އަނބިމީހާ ވަރިކުރަނީ އެވަރަށް ވިސްނާފައެއް ނޫނެވެ. ބައްދަލުވާ އަންހެނެއްގެ އަވާގައި ޖެހުމުން ހަމައެދުވަހުވެސް އަނބިމީހާ ވަރިކޮށްލާ މީހުންވެސް އުޅެއެވެ. އަދި ދިރިއުޅުމުގައި ކަންކަން ކުރިމަތިވާނަމަ އެކަންކަން ޙައްލުކުރަން ތިމާ އުފުލަންޖެހޭ ޒިންމާއަށް ވިސްނުމުގެ ބަދަލުގައި ޙައްލަކީ ވަރިކުރުން ކަމަށް ބަލައިގެންވެސް ވަރިކޮށްލައިފާނެއެވެ.
ދެން ކަންކަން މެދުވެރިވާ ގޮތަކީ ބައްދަލުވި އަންހެން މީހާއާއިއެކު ކުޑަދުވަސްކޮޅަކު އުޅެލާއިރަށް ކުރީގެ އަނބިމީހާ މާރަނގަޅުކަން ވިސްނެނީއެވެ. މައްސަލަތައް ޖެހުނީ ތިމާ އުފުލަންޖެހޭ ޒިންމާ ނުއުފުލުމުންކަންވެސް ވިސްނެނީއެވެ. އެހިސާބުން ދެން ބޭނުންވާނީ އަވަހަށް ކުރީގެ އަނބިމީހާއާއި ގުޅޭށެވެ.
ނަމަވެސް ގިނަ ފަހަރު އޮންނަނީ އެފުރުޞަތު ނުލިބިފައެވެ. ކުރީގެ އަނބިމީހާ ހުންނަނީ މާބޮޑަށް ފޫހިވެފައެވެ. ދެވަނަ ފުރުޞަތު ދޭކަށް ބޭނުމެއް ނުވެއެވެ. ނުވަތަ އޭނާ ހުންނަނީ ދެވަނަ ކައިވެނިކޮށްގެންނެވެ. ދިރިއުޅެމުން ދަނީ މާއުފަލުގައެވެ.
މިވާހަކަކޮޅު މިބުނީ އެއްވެސް ޙާލެއްގައި ވަކިމީހަކު ކުށްވެރިކުރާކަށް ނޫނެވެ. ކަންކަން ހިނގާ ގޮތް ބުނެދީ މިޙާލަތަށް ނުދިއުމަށް ވިސްނައިދިނުމަށެވެ. ކައިވެނި ރޫޅައިލުމަކީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ކުރާ ކަމަކަށް ނުހެދުމަށް އިލްތިމާސްކުރުމަށެވެ.
- ޑރ. ޒުބައިރު އަލްފާތީ
- މިއަދުނޫހަށް