އެދެމަފިރިންގެ ހުންނަނީ އެންމެ ދަރިއެކެވެ. އެއީ އަންހެން ދަރިއެކެވެ. ކިޔަވައި ނިމި ކައިވެނިކޮށްގެން ވަކިން ދިރިއުޅެންފެށިތާ އަހަރުވެސް ނުވަނީސް ފޮށި ހިފައިގެން ގެއަށް އައިސް ބުނީ ފިރިމީހާއާއިމެދު މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާއާއިއެކުގައި އުޅެން ބޭނުންނުވާ ކަމަށެވެ.
މަންމަކުރީ ސުވާލުތަކެކެވެ. މީހުން ދައްކާ ކަމަށް ތިއަބުނާ އެއްވެސް ވާހަކައަކީ ތެދުކަން ޔަޤީންކުރެވޭނެ އެއްވެސް ހެއްކެއް ފެނުނު ހެއްޔެވެ؟ ތިބާއަށް ޚަރަދުކުރޭ ހެއްޔެވެ؟ ދޭންޖެހޭ ސަމާލުކަން ދޭހެއްޔެވެ؟ ބަލިވީމާ އަޅައިލާހެއްޔެވެ؟ ދަރިފުޅާއިއެކު ނުނިދަނީ ހެއްޔެވެ؟ ފިރިއެއްގެ ކިބައިން ދަރިފުޅަށް އެނދުގައި ލިބެންޖެހޭ އެއްވެސް ކަމެއް ނުލިބެނީ ހެއްޔެވެ؟
މަންމަކުރި ހުރިހާ ސުވާލަކަށްވެސް ދަރިފުޅު ޖަވާބުދިނީ ފިރިމީހާގެ ކޮޅަށެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރާކަމަށެވެ.
މަންމަ ބުންޏެވެ. "ދަރިފުޅުގެ ޖަވާބުތަކުން އެނގެނީ ފިރިމީހާއާއި ވަކިވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމެވެ. މީހުން ވާހަކަދައްކާނެއެވެ. އެއީ ދަރިފުޅުމެން އުފަލުގައި އުޅޭތީ އެކަމަށް ޙަސަދަވެރިވާތީއެވެ.
ރަނގަޅަށް ވިސްނާށެވެ! މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް ބައިވެރިޔާއާ ވަކިވެއްޖެނަމަ އެކޮށްދެވެނީ ޝައިޠޯނާއާ އެމީހުން ބޭނުންވި ކަންތަކެވެ. އެފުއްދައިދެވެނީ އެމީހުން ބޭނުންވި ކަންތަކެވެ. ހުރިހާ ދެރައެއް ލިބޭނީ ދަރިފުޅަށެވެ. ވީމާ އަވަހަށް އެނބުރި ދާށެވެ! ފިރިމީހާއަށް އެއްވެސް ޝަކުވާއެއް ނުކުރާށެވެ! އޭނާއަށް ހެޔޮކޮށް ހިތާށެވެ! ލޯބިދޭށެވެ! ދެމަފިރިން ލޯބިން ދިރިއުޅޭށެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. ހިތްހަމަނުޖެހޭ ކަންކަން ކުރިމަތިވާނެއެވެ. އެފަދަ ކަމެއް މެދުވެރިވާއިރަށް ދެމީހުން ވަކިވާން ނުވެސް ވިސްނާށެވެ. ދަރިފުޅުގެ ހުރިމޮޅުކަން ދައްކާށެވެ. އެއީ ޖެހުނު މައްސަލަ ޙައްލުކޮށް ލޯބިން އެކުގައި އުޅުމެވެ.
މިއީ އަހުރެންނަށް ފެނުނު ވީޑިއޯއެއްގައި ކަންތައް ހިނގި ގޮތެވެ. މަންމަގެ މި ނަޞީޙަތަކީ ވަރަށް އަގުހުރި ނަބީޙަތަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. މަންމަ ނަބީޙަތް އެދިނީ އަންހެން ދަރިފުޅަށް ނުވަތަ އަނބިމިހާއަށެވެ. މިނަޞީޙަތަކީ ފިރިންނަށްވެސް އަގުހުރި ނަޞީޙަތެކެވެ. ވީމާ ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.
- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް