އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެނގޭނެ ނިޒާމެއް ގާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެނގޭނެ ނިޒާމެއް ގާއިމްކުރަނީ

އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަން ފަސޭހައިން އަންގައިދެވޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 'ރައްޔިތުންގެ އަޑު' ޕްރޮގްރާމްގައި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެ ދެމަފިރިން ފާހަގަކުރި ގޮތުގައި، ދެމީހުންނަކީވެސް އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ވުމުން، އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ އެކަން އެނގޭނެ އިންތިޒާމެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އެފަދަ ހާދިސާތަކުގައި މައުލޫމާތު ލިބޭނެ ނިޒާމެއް އިމާރާތްތަކުގައި ހުރުމުގެ މުހިންމުކަން އެމީހުން ފާހަގަކުރިއެވެ. މީގެއިތުރުން، އެ ދެމަފިރިންގެ ތިން ދަރިން ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާއިރު، ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަންވެސް އެ ދެމަފިރިން ވަނީ ބަޔާންކޮށްފައެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އެނގޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ހުރި އިމާރާތްތަކުގައިވެސް އެފަދަ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސްކޫލް މާހައުލުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ސްކޫލްތަކުގެ އެކްސެސިބިލިޓީ އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ޤާއިމްކޮށްދިނުމަށް މަސައްކަތް ކޮށްދޭނަން" ކަމަށެވެ.

މިއަދު އޮންލައިން