ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.
މި އުސޫލުގައިވާ ގޮތުން، މި ސްކޮލަރޝިޕްގެ ދަށުން އެ ދަރިވަރަކު ބޭނުންވާ ކޮންމެ ދާއިރާއަކުން ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ފުލްޓައިމްކޮށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ނަމަވެސް، އެއް ފަރާތަކުން ތަކުރާރުކޮށް ނުވަތަ އެއްބަޔަށް ވުރެ ގިނަ ބައިން އެއްވަނަ ހޯދި ނަމަވެސް، މި ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެއް ފަހަރު ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދިވެހިރާއްޖޭގެ އިތުރުން ރައްކާތެރިކަން ކަނޑައެޅިފައިވާ ޤައުމުތަކާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަރުކަޒުތަކުގައި ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެއިތުރުން، ރާއްޖޭގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޚާއްޞަ ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް، މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހު ސްކޮލަރޝިޕް ލިބުނުކަމުގެ ރަސްމީ ލިޔުން ހަވާލުކުރެވޭނެއެވެ.