ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑުގައެވެ.
މި ބައްދަލުވުމުގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށިނަމަވެސް ބައެއް މީހުން އެ އޮނިގަނޑަށް ނުފެތޭކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެ ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ، އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެކަމަށް ޕޭ ކޮމިޝަނަށްވެސް އަންގަވާފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭ މިންވަރު ކުރިއަށްވުރެ ބޮޑުވާން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބޭނުންވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެެއް ކުރިއަށްވުރެ ބޮޑުވަން. އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެނަށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.