ރައީސް މުއިއްޒު ފަދައިން ރައްޔިތުންގެ ހާލުބެއްލެވި ވެރިއަކު ތާރީޚުގައިވެސް ނެތް: ސަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ރައީސް މުއިއްޒު ފަދައިން ރައްޔިތުންގެ ހާލުބެއްލެވި ވެރިއަކު ތާރީޚުގައިވެސް ނެތް: ސަލީމް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާ އެއް ހަމައެއްގައި މަސައްކަތްޕުޅު ކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ރައްޔިތުންގެ ހާލު މިވަރަށް ބައްލަވާފައިނުވާ ކަމަށެވެ. މާލޭގައިވެސް ގިނަ އަދަދެއްގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި ކޮމިޓީތަކާ ބައްދަލުކުރައްވައިގެން ގައުމުގެ ހާލަތު ސީދާ ރައީސް ބައްލަވަމުން ގެންދަވާ ކަމަށެވެ.

ސަލީމް ވިދާޅުވީ "ރައީސް ޑރ. މުއިއްޒުއަށް ތާއީދުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާއި އެއް ހަމައެއްގައި މަސައްކަތްޕުޅު ކުރައްވާތީ. މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދެފަހަރު ނޫނީ ތިންފަހަރު ނޫނީ ހަތަރު ފަހަރަށްވެސް އެމަނިކުފާނު ވަޑައިގެންފި. ރައްޔިތުންގެ ހާލު ބައްލަވައިފި. އަދި މިހާތަނަކަށް ދެއަހަރު ބައިގެ ތެރޭގައި ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ވެރިއަކު މިވަރަށް ރައްޔިތުންގެ ހާލު ބައްލަވާފަކައެއް ނެތް" ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވައި އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ކުރީގެ އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވާފައިވާ ކަމަށާއި އޭގެ ސަބަބުން ފައިދާކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސަކަށް ހުންނަވާ ބޭފުޅަކަށް ހަތަރު ލައްކަ މީހުންނާއި ވަކިވަކިން ބައްދަލުނުވެ ހިނގައިދާނެ އެކަމަކުވެސް ގިނަ އަދަދެއްގެ ބަޔަކާއި އެމަނިކުފާނު ބައްދަލު ކުރައްވާނެކަން ޔަގީން. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ރައީސް 2028 ގައި ބަހައްޓަން،" ސަލީމް ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި 2028 ގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާގުންނެވެ.

މިއަދު އޮންލައިން