ދިވެހިރާއްޖޭގެ ހަމަޖެހުން ދެމެހެއްޓުމަށާއި، ތަރައްގީގެ ރޮނގުގައި ގައުމު ކުރިއަށް ގެންދިއުމަށާއި، ދިވެހި ދައުލަތް ބިނާވެފައިވާ ވަރުގަދަ އިސްލާމީ ބިންގަލުގެ މަތީ ގައުމު ހިފެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދެއްވުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީ ދައުވަތު ދިނުމުގެ ގޮތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޤައުމީ ކޮންގްރެސްގައި ހުށަހެޅި ހާއްސަ ގަރާރަށް ތާއީދު ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
"އަޅުގަނޑު މި ގަރާރަށް ތާއީދުކުރާ އެންމެ މުހިންމު އެއް ސަބަބަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މިގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ދެމިއޮންނާނީ، އިހަކަށްދުވަހު އަޅުގަނޑުމެން ފާހަގަކުރި 900 އެތައް އަހަރުތަކެއް ކަޑައްތުކޮށް ކުރިޔަށް މިދާ މަތިވެރި އިސްލާމީ މި މަތިވެރި ނިއުމަތް އެމަނިކުފާނު ހަދުމަފުޅުކޮށް، ހިތަށް ގެންނަވާ، ކުރިޔަށް އޮތް އަހަރުތަކުގައި މިކަން ދިވެހިންނަށް ކަށަވަރުކޮށްދެވޭނީ އިސްލާމީ މި ހިދާޔަތުގައި އަޅުގަނޑުމެން ދެމިތިބެގެންކަން އެމަނިކުފާނަށް ޚުދު އެނގިވަޑައިގެން އެކަމަށް ގައުމުގެ ބިންގާ އެޅުއްވުމަށްޓަކައި ޒުވާން ޖީލެއް ގާއިމުކޮށް އެތައް އަހަރުތަކަކަށް ދެމިއޮންނާނޭ ގޮތަށް ކަންކަން ބައްޓަންކުރަން ފެއްޓެވީތީވެ." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމީ ދިވެހި ޤައުމިއްޔަތުގެ ހިތްވަރެވެ.