ޤައުމުގެ ތަރައްޤީއަށްޓަކައި މިހާރު ފަށާފައިވާ މުހިންމު މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަކީ އެންމެން ގަދައަޅައި ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރަކުން ކަމެއް ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ތަންފީޒުކުރެވޭނެކަން ރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި މީގެކުރިން ކަންކަން ހިނގަމުން އައީ ހަމައެކަނި ވިޔަފާރިވެރިން އެދޭ ގޮތަށް ކަމަށް ވިޔަސް، ރައްޔިތުން އެދޭ މިސްރާބަށް ޤައުމު ގެންދެވޭނެކަމުގެ ފުރިހަމަ މިސާލު ދައްކަވައިދެއްވީ ރައީސް ޑރ. މުޢިއްޒު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމު ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ބޮޑުބައެއް ނިންމުނު ނަމަވެސް، 2028 ވަނަ އަހަރާ ހަމައަށް ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައެއް ނުލެވޭނެއެވެ. އެހެންކަމުން، އެ ހިސާބުން ވެރިކަން އެހެން ފަރާތަކާ ހަވާލުވެއްޖެނަމަ، މިހާތަނަށް ހޯދި ހުރިހާ ކުރިއެރުމެއް ފުނޑުފުނޑުވެ، އަންނަން އޮތް ޖީލުތަކަށްޓަކައި ހިތާމަކުރަންޖެހިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވިއެވެ. މި ސަބަބަށްޓަކައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަށާފައި އޮތް މަސައްކަތް 2028 އަށް ނުނިމޭނެ. އެހިސާބަށް ދާއިރުގައި ވެރިކަން ބަދަލުވެ އެހެން ފަރާތެއް ގައުމުގެ ވެރިކަމާ ހަވާލުވެ ބިނާކޮށްފައި ހުރި ކަންކަން ފުނޑާލަން ފުރުސަތު ދީފި ކަމުގައިވާ ނަމަ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިންނަށްޓައި ހިތާމަ ކުރާނެ،" މުއްތަލިބު ވިދާޅުވިއެވެ
މި ބައްދަލުވުމުގެ ތެރޭގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވުމަށް އެދި ހުށަހެޅި ޚާއްޞަ ޤަރާރު ވަނީ ފާސްކޮށްފައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ޚާއްޞަ މަންދޫބު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ޤަރާރު ފާސްވެގެންދިޔައީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަތީ މަޖިލީހުގެ 1،119 މެންބަރުންގެ އިއްތިފާޤުންނެވެ. އެ ޤަރާރުގައި ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ޙައްޤުވާ ކަމަށެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުން، އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ދެވަނަ ދައުރަކަށް ޝައުޤުވެރިކަން ފާޅުކުރައްވައިފިނަމަ، ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ކަށަވަރުވެގެންދާނެއެވެ.