ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަރުދަނާ އަދި އިތުބާރުހުރި ޞިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް (ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ) އާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އެންމެ ބޮޑު ބުރައެއް ކުރިމަތިވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. އަދި މިއަހަރުގެ މި ދުވަހުގެ ޝިޢާރު ކަމުގައިވާ "ސޭފް ކެއަރ ފޯ ނޮންކޮމިއުނިކޭބަލް ޑިޒީޒަސް" އިން ދައްކުވައިދެނީ، ބަލިތަކުން ރައްކާތެރިވުމާއި، ފަރުވާ ދިނުމާއި، އަދި ދިގުމުއްދަތަކަށް ބަލި މެނޭޖްކުރުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ރައްކާތެރި، އަވަސް އަދި ފެންވަރު ރަނގަޅު ފަރުވާ ކަށަވަރުކުރުމުގެ މުހިންމުކަން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދުމަކީ މުޅި އުމުރަށް ދެމިގެންދާ ކަމަކަށްވާއިރު، އެފަދަ ބަލިތައް ތަޙައްމަލުކުރާ މީހުންނަކީ ކޮންމެ މަރުޙަލާއެއްގައިވެސް ރައްކާތެރިކަމާއި، އެމީހުންގެ އަޑުއަހައި އެހީތެރިކަން ލިބޭ ބައެއް ކަމުގެ އިޙްސާސް ކުރެވެންޖެހޭ ބައެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާގެ މެސެޖު ނިންމަވާލައްވަމުން، ޞިއްޙީ ޚިދުމަތްތެރިންގެ ބާރުވެރިކަން އިތުރުކޮށް، ޞިއްޙީ ޚިދުމަތް ދިނުމުގެ އެންމެ މައިގަނޑު އަސާސަކީ ބަލިމީހުންގެ ރައްކާތެރިކަން ކަމުގައި ހެދުމަށް ގޮވާލެއްވިއެވެ. އަދި އެންމެންނަށްވެސް ރައްކާތެރި، ފެންވަރު ރަނގަޅު، އަދި ބަލިމީހުންނަށް އިސްކަންދޭ ޞިއްޙީ ޚިދުމަތެއް ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.