ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 3548 ގޯތީގެ ތެރެއިން 3086 ފަރާތަކަށް މިހާތަނަށް ރަޖިސްޓްރީ ހަވާލުކޮށް، 1393 ފަރާތަކަށް ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލެ ފޭސް 3 އިން ދޫކުރުމަށް ކަނޑައެޅިފައިވާ 698 ގޯތީގެ ތެރެއިން މިހާތަނަށް 641 ފަރާތަކަށް ރަޖިސްޓްރީ ވަނީ ހަވާލުކުރެވިފައެވެ. އަދި އޭގެ ތެރެއިން 603 ފަރާތަކަށް މިހާރު ވަނީ ބިން ޙަވާލުކޮށް ނިމިފައެވެ.
މީގެއިތުރުން، ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން މިހާރު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް އެ ވުޒާރާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ހަމައެއާއެކު، ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް މިހާރު ދޫކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ޙައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ސޯޝަލް ހައުސިން އަދި އަސާސީ ޚިދުމަތްތަކުގެ އިތުރުން ހިތްފަސޭހަ މައިޒާންތަކަށް ބިން ކަނޑައެޅިފައިވާކަންވެސް ފާހަގަކުރެވެއެވެ.