ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 839 މީހަކަށް 1.08 ބިލިޔަން ރުފިޔާ ދޫކުރުމަށް ބޭންކުން އެޕްރޫވްކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޖުމްލަ 891 މީހުންނަށް މާލީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ "ފަހިމާލެ" ސްކީމްގެ ދަށުން 6 އިން 10 މިލިއަން ރުފިޔާ، "ސަހަރު" ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާ އަދި "ރަށްވެހި" ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާއެވެ.
މި ސްކީމްތަކަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރެއިން ރަށްވެހި ސްކީމަށް 1329 އެޕްލިކޭޝަން، ސަހަރު ސްކީމަށް 586 އެޕްލިކޭޝަން އަދި ފަހިމާލޭ ސްކީމަށް 341 އެޕްލިކޭޝަން ވަނީ ލިބިފައެވެ.
މި ޕްރޮގްރާމްގެ ދަށުން އަހަރަކު ޖުމްލަ 2 ބިލިޔަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 1 ބިލިޔަން ރުފިޔާ ސީދާ ދޫކުރަނީ ސަރުކާރުންނެވެ.
މިއީ އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.