ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިއްޖެ

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލަކަށް ފައިސާ ދައްކައި ޚަލާޞްކުރުމާ ގުޅިގެން، ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް ފިނޭންސް އިން ރައްޔިތުންނަށް އަރުވައިފިއެވެ.

މިއަދު ދައްކައި ނިންމި މި ފައިސާއަކީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެކި ފަހަރު މަތިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. ބަޖެޓް ސަޕޯޓަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި 11 މޭ 2024 ގައި އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު މި ދަރަނި މިހާރު ވަނީ އެއްކޮށް ޚަލާޞްކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، އޯގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެއެވެ. އަދި ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައެވެ.

ޒަރޫރީ މުދަލާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައިވާއިރު، ދަރަނި އަދާކުރުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާނެ ކަމަށާއި، މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާތީ، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން